ޚަބަރު

ފުޓުބޯޅަ މެޗަކަށް ފަހު ހާލު ދެރަވެ މާރަންދޫ ކައުންސިލްގެ ނައިބު ރައީސް ނިޔާވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މިއަދު ހަވީރު ކުރިއަށް ދިޔަ ފުޓުބޯޅަ މެޗެއް ކުޅުމަށް ފަހު ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް، ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒު ނިޔާވެއްޖެ އެވެ.

Ads by Hajj Corporation

މާރަންދޫން މަންޒަރު ދުށް ބައެއް މީހުން "ދެން އޮންލައިން" އަށް ކިޔައިދިން ގޮތުގައި އޭނާގެ ހާލު ދެރަވާން ފެށީ މިއަދު އެ ރަށުގައި އޮތް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފަހު ދަނޑުމަތީގައި ހުންނަވަނިކޮށެވެ.

"ނެއްލައިދޫއާ އެކު އޮތް މެޗެއް ނިމިގެން، ބެންޗުގައި އިންނަވަނިކޮށް އެއީ، މެޗު ނިމުނުތާ ވެސް އިރުކޮޅެއް ފަހުން، ހޮޑުލައި މާ ބޮޑަށް ހާލު ދެރަވާތީ މާރަންދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

ހާލަތު މާ ބޮޑަށް ދެރަވަމުން ފަހުން އެ އަތޮޅު ވެރިރަށް ދިއްދޫގެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާ ނިޔާވީ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރަމީޒަކީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ހަރަކާތްތެރިއެކެވެ. މިއީ ކައުންސިލްގައި ރަމީޒުގެ ފުރަތަމަ ދައުރެވެ.

ރަމީޒު ނިޔާވި ހަބަރު ލިބިވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމީޒަކީ އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ރަމީޒަކީ މި ޕާޓިއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. މާތް ﷲ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރަން," ފައްޔާޒު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!