ޚަބަރު

މާލެ މަގުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ފަށާ ޕްރޮގްރާމް "މާލެ ފަހި" އިފްތިތާހުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މާލެ މަގުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ޓްރެފިކް މެނޭޖު ކުރުން ވަރުގަދަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ހިމެނޭ "މާލެ ފަހި" ޕްރޮގްރާމް މިރޭ އިފުތިތާހުކޮށްދެއްވައިފި އެވެ.

Ads by Hajj Corporation

އެމަނިކުފާނުގެ ހާއްސަ އިރުޝާދުތަކުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ފަރުމާކޮށްފައިވާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އަދި އެ ޕްރޮގްރާމަށް ހާއްސަކޮށް ފޮތެއް ވެސް މިރޭގެ ރަސްމިއްޔާތުގައި ނެރެދެއްވި އެވެ.

ސަރުކާރުން ބުނީ، މި ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މައިގަނޑު ތިން ބަޔަކަށް ޕްރޮގްރާމް ބަހާފައިވެ އެވެ.

ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުމަކީ ޕްރޮގްރާމްގެ ފުރަތަމަ ބައެވެ. ދެވަނަ ބަޔަކީ ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމެވެ. ދެން ހިމެނޭ ބަޔަކީ މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ ތަންތަނަށް ހެދުމެވެ.

މި ޕްރޮގްރާމްގެ ތެރެއިން މާލޭގައި ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވެ އެވެ. ގަރާޖު ނެތި ގަރާޖު ސިޓީ ދޫކޮށްގެން މާލެއަށް އުޅަނދުތައް އެތެރެކުރަމުންދާ ސަގާފަތް ނިމުމަކަށް ގެނައުމަށް ފިޔަވަޅުތަކެއް އެޅުން ވެސް ހިމެނެ އެވެ. އަދި މާލެ ސަރަހައްދުގައި ދުއްވާ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް ވަރުގަދަކޮށް، ކުދި ސައިޒުގެ ބަސްތަކެއް ގެނައުމަށް ވެސް ރާވާފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!