ޚަބަރު އިޖުތިމާޢީ

މޫސުން ގޯސްވުމާ ގުޅިގެން ޝަރަފުގެ ހިނގާލުން މިއަދު ހަވީރު ނޯންނާނެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްއެންޑީއެފުން މީގެކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން: މޫސުން ތަންނުދިނުމުގެ ސަބަބުން މިއަދުގެ ހިނގާލުން ވަނީ ފަސްކޮށްފައި / ފޮޓޯ:އެމްއެންޑީއެފް

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭ ސިޓީގައި ބާއްވަން ނިންމި ޝަރަފުގެ ހިނގާލުން މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކޮށްފި އެވެ.

Ads by MWSC

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ރަސްމީ "އެކްސް" އެކައުންޓުން މިއަދު ހެނދުނު ކުރި ޕޯސްޓެއްގައި ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލުކުރި ޝަރަފުގެ ނޯންނާނެ ކަމަށެވެ.

ޝަރަފުގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމާފައި ވަނީ މޫސުން ތަންނުދިނުމުގެ ސަބަބުންނެވެ. ފަހުގެ ތާރީހަކަށް މި ހިނގާލުން ފަސްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފާއި ގައުމީ ކެޑޭޓް ކޯ އިން އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިއުމަށް ރޭވި މި ހިނގާލުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން ވަނީ މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އަށް މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފަ އެވެ.

ސިޓީ ކައުންސިލުން އަންގާރަ ދުވަހު ބުނެފައި ވަނީ އެއްގަމު އުޅަނދު ދުއްވުން މަނާކުރަނީ މި ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީ ކަމަށެވެ.

މޫސުން ގޯސްވެ ޝަރަފުގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމުމާ އެކު، މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މަގުތަކުގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!