ޚަބަރު

ޗައިނާ ލޯނު މި ދައުރު ނުދައްކާ ގޮތަށް ހަމަޖައްސައި މިނިވަން ވިޔަފާރި ސެޕްޓެމްބަރުގައި ފަށަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޗައިނާ ސަރުކާރުން ރާއްޖެއަށް ދޫކުރި ލޯނުތައް މި ފަސް އަހަރުގެ ރިޔާސީ ދައުރުގެ ތެރޭގައި އެއްވެސް ވަރެއް ނުދައްކާ ގޮތަށް ހަމަޖައްސަން ފެހި ސިގުނަލް ދީ، އަދި އެ ގައުމާ އެކު މިނިވަން ވިޔަފާރި އަންނަ ސެޕްޓެމްބަރު މަހު ފަށަން އެއްބަސްވެއްޖެ އެވެ.

Ads by Hajj Corporation

މި ދެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

"ޗައިނާ ސަރުކާރުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖެއިން ދައްކަން ޖެހޭ ލޯނާއި އިންޓަރެސްޓް ދައްކަން ނުޖެހޭނެ ގޮތް ހަދައި ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި. އެކަމުގެ ފަންނީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ޗައިނާއާއެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށާއިރު މަސްވެރިކަން ހިމެނޭ ގޮތަށް އެތައް ބާވަތެއް ޑިއުޓީ ފްރީކޮށް ހިންގެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކަށް ވާނީ މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީ ވެގެން އެބަ ދޭ. ޖުމުލަ 7998 އައިޓަމެއް އެބަ ޑިއުޓީ ފްރީވޭ. އަޅުގަނޑު ޔަގީން ކުރަން އިންޑިއާއާ އެކީގައި ވެސް އެފްޓީއޭއަށް ދެވޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާއާ އެކީގައި ވެސް އެ މަސައްކަތް ކުރެވިގެން ދިއުމަކީ އުންމީދެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިންޑިއާއާއި ޗައިނާއާ އެކީ ވެސް ކަރަންސީ ސްވެޕްގެ އެއްބަސްވުން ތަންފީޒު ވެގެން ދިޔުމާއެކު ޑޮލަރުގެ ބޭނުން ކުޑަވެ އޭގެ ދަތިކަމުން މިންޖުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ހުރިހާ މަސައްކަތެއް ވެސް ހިނގަމުން ދަނީ އިގުތިސޯދީ ސިޔާދަތު ޔަގީންކުރުމަށް ޓަކައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!