ޚަބަރު

ސަރުކާރުން ބޭނުންވަނީ މިފްކޯއަށް ދުނިޔޭގެ ފެންވަރުގެ ސީއީއޯއެއް!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ހޯދަމުން ދަނީ ދުނިޔޭގެ ފެންވަރުގެ ސީއީއޯއެއް ކަމަށް ރައީސް ޑރ. މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފްކޯގެ ހިންގުން ވަރުގަދަ ކުރެވޭނީ ވަރަށް ގިނަ ތަޖުރިބާތައް ހުރި ލީޑަރަކާ ހަވާލުކޮށްގެން ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ދުނިޔޭގެ ވަރުގަދަ ކުންފުނިތައް ހިންގުމުގެ ތަޖުރިބާ ހުންނެވި މީހެއް ކަމަށެވެ.

"ދުނިޔޭގެ ފެންވަރުގެ ރަނގަޅު ކުންފުނިތައް ހިންގާފައި ހުރި ރަނގަޅު ފެންވަރުގެ ތަޖުރިބާކާރަކު މިފްކޯ ހަވާލުކޮށްގެން، މިފްކޯ ދަރަނިވާ ގޮތް އަޅުގަނޑުމެންނަށް އެނގޭ، އެއްވެސް ނުފޫޒެއްގައި ނުޖެހޭނެ މިނިވަން މީހަކު މި ހޯދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ތަފްސީލްކޮށްދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް "ސަން ސިޔާމް ޓީވީ" ގެ ޕްރޮގްރާމެއްގައި ވިދާޅުވީ މިފްކޯ އެހާ ގޯސް ހާލަތަކަށް ގޮސްފައިވަނީ ސިޔާސީ ބޭނުމެއްގައި ވޭތުވެދިޔަ ތަނުގައި އެ ކުންފުނި ހިންގައިގެން ކަމަށެވެ.

އެހެންކަމުން މިހާރު އެ ކުންފުންޏަށް ހޯދަން ސަރުކާރުން ބޭނުންވަނީ ބޭރުގެ ސީއީއޯއެކެވެ. މީގެ ކުރިން ވެސް ބޭރުގެ ސީއީއޯއެއް ހޯދުމަށް އެ ކުންފުނިން އިއުލާން ވެސް ކުރި އެވެ.

"އެ އިއުލާނަކަށް އަޅުގަނޑުމެން ބޭނުންވި ތަރުހީބެއް ނުލިބޭ، ރޭގަ ވެސް ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވީ އަޅުގަނޑުމެން ބޭނުންވާ ފެންވަރު، ދުނިޔޭގެ ފެންވަރުގެ ސީއީއޯއެއް، އަޅުގަނޑުމެން އަނެއްކާ ވެސް އިއުލާން ކުރުމުގެ ވިސްނުން މި ގެންގުޅެނީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯގެ ޕްރޮސެސިން އަދި ކޯލްޑް ސްޓޯރޭޖް އިތުރު ކުރަން ކުރާ މަސައްކަތްތަކާއި ރަނގަޅު ފެންވަރުގެ ސީއީއޯއެއް ހިންގަން ފެށުމުން ދުނިޔޭގެ ބާޒާރަށް އަގު އިތުރުކޮށްގެން މަސް ބޭރުކުރެވޭ ނިސްބަތް އިތުރު ކުރެވިގެން ދާނެ ކަމަށެވެ.

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ކުރިން އިއުލާން ކުރީ އެ މަގާމުގައި ހުންނެވި އަހްމަދު ޝަމާހުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު އޭނާ ވަކި ކުރަން ޕީސީބީން ނިންމުމުންނެވެ. އޭނާ ވަކިކުރީ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ކުރުމަށް ފަހު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!