ކުވެއިތު ފަންޑުން ރިކަވާކުރި ފައިސާއިން ކުދި ރަށްރަށުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުވެއިތު ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަނބުރާ ގެންދިޔަ ފައިސާގެ ތެރެއިން ރިކަވާކުރެވުނު ފައިސާއިން ކުދި ރަށްރަށުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަން 150 މިލިއަން ރުފިޔާގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގެވެ. އަދި ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ވަލީދު އަލް ބަހަރް އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ހިދުމަތް ލިބޭ ރަށްރަށުގައި މެދުގައި ސިއްހީ ހިދުމަތް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވެ ރަށްރަށުގެ އާބާދީގެ އިތުރަށް ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ސިއްހީ ހިދުމަތް އެ ރަށުން ދެވޭ ގޮތަށް ހަމަޖެހޭނެ ކަމަށެވެ.
ފިނޭންސުން ބުނީ، އެ މަޝްރޫއުގައި ހިމެނޭ މަސައްކަތަކީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތާއި ހިދުމަތްތަކުގެ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތުގެ އިތުުރުން ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުން ކަމަށެވެ.
އަދި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އިމާރާތަށް ބޭނުންވާ އިންޖީނިއަރިން ޔުނިޓެއްވެސް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.