ދުނިޔޭގެ އެންމެ ބޮޑު ބާޒާރާއެކު މިނިވަން ވިޔަފާރިގެ ތެރެއަށް ވަންނާނަން: ސައީދު
ދެ މަހެއްގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ބާޒާރާއެކު މިނިވަން ވިޔަފާރިގެ ތެރެއަށް ވަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވީ 5 ވަނަ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އެ ވިޔަފާރީގެ ތެރެއަށް ވަންނައިރު އެކައުންޓެންޓުންނަށް މަގު ކޮށަމުން ޖާގަދެމުންދާނެ ކަމަށެވެ. އަދި ޕްރޮފެޝަނަލް ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި މިހިސާބަށް އާދެވުނީ ވިސްނުންތެރިކަމާއެކު ކުރި މަސައްކަތުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިހާރު އޮތް ހާލަތު ބަދަލުކޮށް ކުރިއަށް ދާނީ ދެމެހެއްޓެނިވި ގޮތަކަށް, ކަންކަން އެނގިގެން ވިސްނުންތެރި ގޮތް ތަކެއް ނިންމައިގެން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
އުނދަގޫ ހާލަތެއްގައި ފިނޭންސް މިނިސްޓަރު, ޑރ. މުހައްމަދު ޝަފީގާއި ޓީމް ކުރައްވަމުން ގެންދަވާ މަސައްކަތް ވެސް ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން ސައީދު ވިދާޅުވީ މިނިސްޓަރު ޝަފީގު ހެނދުނުގެ 8 ޖަހާއިރު މަސައްކަތް ފައްޓަވާ ކަމަށާއި ބައެއް ރޭ ރޭ މެންދަމު 3 ޖަހަންދެންވެސް މަސައްކަތް ކުރައްވާ ކަމަށެވެ.
އެ ފޯރަމަކީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުންގެންދާ ފޯރަމެކެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގެ އެކައުންޓިންގެ ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ ފޯރަމަށްވާއިރު އެ ފޯރަމުގެ މަގްސަދަކީ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީންކޮށް އެކައުންޓިން ޕްރޮފެޝަން ކުރިއެރުވުމެވެ.
2014 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ފްރީ ޓްރޭޑް އެގްރީމަންޓްގައި ސޮއިކުރި ނަމަވެސް އެ އެއްބަސްވުމަށް އަމަލުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ލިބުނީ 2017 ވަނަ އަހަރެވެ. ސަރުކާރު ބަލަވުމާ ގުޅިގެން މިހާތަނަށް އެ އެގްރީމަންޓަށް އަމަލުކޮށްފައެއް ނުވެ އެވެ.
ދެ މަހެއްހާ ދުވަސް ތެރޭގައި ޗައިނާއާއެކު ހަދާފައިވާ އެގްރީމަންޓަށް އަމަލުކުރަން ފަށާނެ ކަމަށް އިއުލާންކޮށްފައިވާއިރު ތުރުކީއާއެކު އެފަދަ އެގްރީމަންޓެއް ހަދަން ނިންމާފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.