ޚަބަރު

ދަރަނީގެ މައުލޫމާތާއި ސިޔާސަތު ސިއްރުނުކުރަން މަޖިލީހަށް ގޮވާލަން: އަމީރު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ދައުލަތުގެ ދަރަނީގެ މައުލޫމާތާއި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުމުން އެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ފާޑުވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މި ނިމިގެން ދިޔަ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ރިޔާސީ ދައުރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި އަމީރު ވިދާޅުވީ ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

"ނުރައްކާތެރި ކަމެއް، އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން، މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

އަމީރުގެ ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ އޭނާ ވަޒީރު ކަމުގައި 2019 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން ދިޔައީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ ވަކި ވަކިން ބަރާބަރަށް ޝާއިއު ކުރަމުން ކަމަށެވެ.

"މާލީ ކަންކަން ހިނގަމުންދާ ގޮތާ މެދު އެތެރެއާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ކޮންމެހެން ވެސް ހިފަހައްޓަން ޖެހޭ ދަނޑިވަޅެއްގައި މި ކަން މި ގޮތަށް ނުކުރުމަށް މަޖުލިހަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

މާލީ އަދި އިގުތިސޯދީ ކަންތައްތައް މެނޭޖު ކުރުމުގައި ސަރުކާރުގެ ގާބިލް ކަމާ މެދު އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ސިޔާސަތުތައް އެންމެންނަށް ފެންނަހެން ހާމަ ކުރުން ވަރަށް މުހިންމު ކަމަށް އަމީރު ވިދާޅުވި އެވެ.

އެ ސިއްރު ކުރުމަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ރޫހާ ވެސް ހިލާފު ކަމެއް ކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ސިއްރު ކުރަން އެދުނީ ދެ ބަޔާނެކެވެ. އެއީ ފިސްކަލް ސިޔާސަތުގެ ބަޔާނާއި ދަރަނީގެ ސިޔާސަތުގެ ބަޔާނެވެ. ގާނޫނުގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން އެ ދެ ބަޔާން ރައްޔިތުންގެ މަޖިލީހާ މިނިސްޓްރީން ހިއްސާކުރަން ޖެހޭނެ އެވެ.

ކުރިން އާއްމުކޮށް ކޮންމެ ހަފްތާއަކު ޝާއިއުކުރަމުން އައި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ޝާއިއުކުރުން މެދުކެނޑިފައިވާ ކަން ވެސް ފާހަގަ ކުރައްވައި އެ ކަމުގައި ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މިއަދު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބީ، 2019-2023 ސަރުކާރު ބަންދެއް އައިސްގެންވެސް ވީކްލީ ރިޕޯޓެއް ޝާއިއުކުރުން ލަސްވިޔަސް އެ ކަންތައް ވަރަށް ބޮޑުކޮށްގެން ވާހަކަ ދެއްކި ބޭބޭފުޅުން،" އަމީރު ލިޔުއްވާފައިވެ އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!