ޚަބަރު

އެސްއޯއީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ އެދިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީގައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މިހާރުގެ މެނޭޖުމަންޓުން ދެއްކި ވާހަކަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެދިވަޑައިގެންފި އެވެ.

Ads by STELCO

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިނގާނުހިނގާ ގޮތް ބެލުމަށް މަޖިލީހުގައި އޮންނަ އެ ކޮމިޓީގައި އާރުޑީސީގެ މިހާރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ވިދާޅުވެފައިވަނީ މިދިޔަ ދެ އަހަރު އެއްވެސް ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން މިދިޔަ ރިޔާސީ ދައުރު އެ ކުންފުނި ހިންގެވުމާ ހަވާލުވެ ހުނުްނެވި މޫކޭއާއި އޭރު އެ ކުންފުނީގެ އޭރުގެ ސީއެފްއޯ ޔާސިރު ހަސަން ސޮއިކުރައްވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ސިޓީއެއް ފޮނުވި އެވެ.

އެ ސިޓީގައި އެދިފައިވަނީ އޭރު ކުންފުނި ހިންގަން އިސްކޮށް ތިއްބެވި ބޭފުޅުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށާއި އޭގެ މައުލޫމާތުތައް ކޮމިޓީއަށް ހިއްސާކޮށްދެއްވުމުގެ ފުރުސަތެއް ދެއްވުމަށެވެ.

އާރުޑީސީގެ މިހާރުގެ މެނޭޖުމަންޓުން ވާހަކަ ދައްކާވާފައިވަނީ ޓީވީން ވަގުތުން ދުރަށް ދައްކައިގެން ކަމަށް ވާތީ، ކުރީގެ މެނޭޖުމަންޓް ހާޒިރުކޮށް ބާއްވާ ބައްދަލުވުން ވެސް ޓީވީން ވަގުތުން ދެއްކޭނެ ގޮތަށް ބާއްވައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

ކުންފުނީގެ ފަރާތުން ކޮމިޓީގައި ވާހަކަ ދައްކާފައިވަނީ އެއްވެސް އެސިސްމަންޓެއް ނުވަތަ އޮޑިޓެއް ކުރުމެއް ނެތި ކަމަށް ސިޓީގައިވެ އެވެ. އެއްވެސް ލިޔެކިޔުމެއް ނެތި ކުންފުނީގެ އެކައުންޓުން ފައިސާ ދޫކޮށްފައިވާ ވާހަކައަކީ އެކަށީގެންވާ ވަރަށް ބެލުމެއް ނެތި އަދި ހާލަތު ދެނަގަތުމެއް ނެތި ދެއްކި ވާހަކައެއް ކަމަށް އެ ސިޓީގައިވެ އެވެ.

އެކި ފަހަރު މަތިން ޖުމުލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އާރުޑީސީގެ އެކައުންޓުން ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ވެސް ފެށި އެވެ. އެއީ ޕެޓީކޭޝްގެ ގޮތުގައި ޖަމާކރި ފައިސާ ކަމަށް ވެސް އޭރުގެ މެނޭޖުމަންޓުން ބުނެފައިވެ އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!