މާލޭގެ ގެއަކަށް ވަދެ ފޭރުނު 26000 ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

މިއަދުގެ ވަގުތެއްގައި މާލޭގެ އެޕާޓްމަންޓަކަށް ވަދެ ފޭރުނު 26،960 ރުފިޔާ ހޯދައި، އެ ކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މ. ދިންމަނަ، އަބްދުﷲ ތިލްމީޒެވެ. އެއީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފޭރުނު ފައިސާ، އެ ފައިސާގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން މިހާރު ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރަމުން ދިޔުމަށް ނިންމައިފަ އެވެ. ނަމަވެސް 18 އަހަރު ނުފުރޭ ކުޑަކުދިންގެ މައުލޫމާތު ހާމައެއް ނުކުރާނެ އެވެ. އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ވެސް މަނާކޮށްފައި އޮންނަ ކަމެކެވެ.