ދުނިޔެ

ކޮވިޑް19: އިޓަލީއިން އެހާ ގިނަ މީހުން މަރުވަނީ ކީއްވެ؟

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ގައުމަކީ އިޓަލީއެވެ. އިޓަލީއިން ވަނީ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ބަލި އެންމެ ފުރަތަަމަ ފެނުނު ޗައިނާއަށް ވުރެ ވެސް ގިނަވެފައެވެ. އަދި މި އަދަދުދަނީ ކޮންޓްރޯލް ވުމެއް ނެތި އިތުރުވަމުންނެވެ.

Ads by Sosun Fihaara

އިޓަލީގައި މިހާތަނަށް ރިޕޯޓުކުރެވުނު 63927 ކޭސް ގެ ތެރެއިން 6077 މީހަކުވަނީ މަރުވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 600 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

އިޓަލީގެ ސިއްހަތާއި ބެހޭ ވަޒީރުގެ ސައިންޓިފިކް އެޑްވައިޒާ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި އެ ގައުމުގައި މަރުވާ މީހުން އެހާ ގިނައީ އެގައުމުގެ އާބާދީގެ ގޮތުންނެވެ. އެ ގައުމުގެ އާބާދީގެ ބޮޑު އިންސައްތައަކީ އުމުރުން ދުވަސްވި މީހުން ކަމަށާއި އެގައުމަކީ ދުނިޔޭގެ ނިސްބަތުންވެސް ދެވަނައަށް އެންމެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑު ގައުމުކަމުގައި އޭނާ ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން އިޓަލީގައި ބަލި ޖެހުނު މީހުންގެ އެވްރެޖު އުމުރަކީ 67 ކަމަށާއި ނަމަވެސް އެއަދަދު ޗައިނާގައި އުޅެނީ 47 އެއްގައިކަން ވެސް އޭނާ ފާހަގަކޮށްފައިވެއެވެެ.

މީގެ ކުރިން ޖާމާ އިންފޮގްރާފިކް އިން އިޓަލީގެ ހާލަތު ދިރާސާކޮށް ނެރެފައިވާ ރިޕޯޓެއްގައި ބުނާގޮތުން އިޓަލީގައި މަރުވާ މީހުންގެ 87 އިންސަައްތައަކީ 70 އަހަރުން މަތީގެ މީހުންނެވެ. އަދި ބަލި ޖެހޭ މީހުންގެ 40 އިންސައްތައަކީ ވެސް އެ އުމުރުގެ މީހުންނެވެ.

މި ސަބަބުތަކުގެ އިތުރަށް އިޓަލީއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއިރު އެކަންކަމަށް ސަމާލުކަން ލިބުނު މިންވަރު ކުޑަކަމަށް ވެސް އެކި ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޗައިނާއިން އިޓަލީއަށް ދިޔަ މެޑިކަލް ޓީމުން ބޭއްވި ޕުރެސްއެއްގައި އެ ޓީމުން ، އިޓަލީގައި އެހާ ބޮޑަށް ވައިރަސް ފެތުރެމުން ދާއިރު ވެސް އާންމުންގެ ގިނަ ބަޔަކު އެމީހުންގެ އާންމު ދިރިއުޅުމެކޭ އެއް ފަދައިން އުޅެމުންދާ ކަން ފާހަގަ ކޮށްފައެވެ.

ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ ހަތަރު ލައްކައާއި ގާތްކޮށްފައެވެ. އަދި ބަލީގެ މަރުވި މީހުންގެ އަދަދު ވަނީ 16ހާހަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!