ސޯސަން މާޓްއާ ގުޅޭ ގޮތުން ދޮގު ވާހަކަ ނުފަތުރަން އިލްތިމާސްކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ސޯސަން މާޓްއާ ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް ފަތުރަމުންދާތީވެ އެ ފިހާރާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސޯސަން މާޓް ފިހާރައިން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރްފަތް ހޮސެއިން (32އ) އެ އެއްޗެހި ވިއްކި ފިހާރަތަކުގެ ތެރޭގައި ސޯސަން މާޓް ހިމެނޭ ކަމަށް ބުނެ ފޭކް ފޭސްބުކް ޕޯސްޓެއް ދައުރުކުރުވަމުންދާތީވެ އެވެ.
ސޯސަންމާޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ފިހާރައަކީ އެއްވެސް އިރެއްގައި ހެދިކާ ވިއްކާ ތަނެއް ނޫން ކަމަށާއި އެފަދަ އެއްވެސް އެއްޗެއް ވިއްކުމަކީ އެ ފިހާރައިގެ ސިޔާސަތެއް ނޫން ކަމަށެވެ.
" މި ފަދަ ސައްހަ ނޫން ހަބަރު ފެތުރުމަކީ ވަރަށް ޒިންމާދާރު ކުޑަ އަމަލެއްކަމާއި، މި ފަދަ އެއްވެސް އެއްޗެއް ވިއްކުމަކީ މި ފިހަރައިގެ ވިޔަފާރީގެ ސިޔާސަތެއް ނޫންކަން ކަސްޓަމުންގެ މައުލޫމާތަށްޓަކައި ދަންނަވަން" އެ ބަޔާނުގައި ބުންޏެވެ.
ދައުރުވަމުން ޕޯސްޓަކީ ފޭކް ޕޯސްޓެއްކަން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން ވަހީދުވެސް ޔަގީންކޮށްދީފައިވާއިރު ސޯސަން މާޓުން އިލްތިމާސްކުރަނީ އެ ފިހާރައާ ގުޅޭ ގޮތުން ކަސްޓަމުރުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަބަރުތައް ނުފެތުރުމަަށެވެ.