ޚަބަރު

މާލޭ މަގެއްގައި އިނގުރު ތަޅަން ހުރި ބިދޭސީއަކު ހުއްޓުވައި، ފިޔަވަޅު އަޅައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މާލޭ މަގެއްގެ މަތީގައި އިނގުރު ތަޅަން އިން ބިދޭސީއަކަށް މާލެ ސިޓީ ކައުންސިލުން ފިޔަވަޅު އަޅައިފި އެވެ.

Ads by Hajj Corporation

ސިޓީ ކައުންސިލުން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ މީހާ އިނގުރު ތަޅަން އިނީ ކުރިކީލަމަގުގައި ކަމަށެވެ.

އެމީހާގެ ފޮޓޯވެސް ކައުންސިލުން އާއްމުކޮށްފައިވާއިރު އެޅީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.

މާލޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންނަށް މީގެ ކުރިންވެސް ސިޓީ ކައުންސިލުން ފިޔަވަޅު އަޅާފައިވާއިރު އެކި އަދަދުތަކުންވެސް ޖޫރިމަނާކޮށްފައި އެބަ ހުއްޓެވެ.

މީގެ ކުރިން މާލޭގެ މަގުމަގުތަކުގައި ކުނި ބަހައްޓާ ބިދޭސީންނާއި ހުއްދަ ނުނަގާ އެކި ކަހަލަ މަސައްކަތްތައް ކުރަމުންދިޔަ ފަރާތްތަކާއި ބާޒާރުމަތީ ޕޭމަންޓް މަތީ މުދާ ވިއްކާ ފަރާތްތައް ހުއްޓުވާ ފިޔަވަޅު އަޅާފައި އެބަ ހުއްޓެވެ.

އޭގެ އިތުރުން ހުއްދަނެތި, ގަވާއިދަށް ނުފެތޭ ތަންތަނުގައި ކާތަކެތި ތައްޔާރުކުރަމުންދާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ފިޔަވަޅު އަޅާ އިމިގްރޭޝަނަށް ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ޑީޕޯޓްކުރަން ހޯމްލޭންޑް މިނިސްޓްރީއާއި އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެ ފަދަ އެތައް މީހަކު ޑީޕޯޓްކޮށްލާފައިވެ އެވެ.

އެ ހަރަކާތް އަތޮޅު ތެރެއަށް ފުޅާކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ވަރަށް އަވަހަށް ކުރާނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު އިއްޔެ ވިދާޅުވެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!