ރާއްޖެ އަމާންކަމަށް ޤަބޫލުކުރަން ދަތި، ނިދާ ހޭލާއިރު ވާނެ ގޮތެއް ނޭނގެ: ޙުސެއިން ވަހީދު
ބޭރުގެ އަސްކަރީ ފައުޖުގެ މީހުންނާއި ބޭރުގެ ޖާސޫސުން ތިބި އަދަދު ކަށަވަރު ނުވާނަމަ ކޮންމެ ކަމެއް ކޮންމެ ވަގުތެއްގައި ވެސް ހިނގާފާނެ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ފޭސްބުކުގައި ލިޔުއްވާފައިވާ ސްޓޭޓަސްގައި ހުސެއިން ވަހީދު ވިދާޅުވީ ރާއްޖެ އަމާންކަމަށް ޤަބޫލުުކުރަން ދަތި ކަމަށެވެ. އަދި ބޭރުގެ ޖާސޫސުންނާއި އަސްކަރިއްޔާއަށް ކޮންޓްރޯލެއް ލިމިޓެއް ނެތި އޮޕަރޭޓް ކުރުމުގެ ހުއްދަ ދެނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ހުސެއިން ވަހީދު ވަނީ ސުވާލު އުފައްދާފައެވެ. އަދި އެހެން ގައުމުގެ އަސްކަރިއްޔާއާއި ޖާސޫސުންގެ ދިފާއަށް އެގައުމެއްގެ ދިފާއީ ގުނަވަންތަކުން ހިމާޔަތްދީ ދިފާއު ކުރަނީ ކޮން ގައުމަކުންތޯ ވެސް ހުސެއިން ވަހީދު ވަނީ ސުވާލު ކުރައްވާފައެވެ.
ހަތިޔާރު ހުރުމާއި ނެތުމަކީ މައްސަލައެއް ނޫން ކަމަށާއި ތަމްރީނު ލިބިފައިވާ ސޯލްޖަރަކަށް ކޮންމެ އެއްޗެއް ވެސް ހަތިޔާރަކަށް ބަދަލު ކޮށްލެވޭނެކަން ދަންނަ މީހުންގެ ވާހަކަތައް ބަދަލު ވުމަކީ ވަރަށް ދެރަަވަރު ކަމެއް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ، އަދި ސުމާރެއް ނެތި އައިސް ގޮސް އުޅެވެންޏާ ހަތިޔާރު ގެންނާކަށް މާގިނަ ވަގުތެއް ވެސް ނުނަގާނެ ކަމުގައި ވެސް ޙުސައިން ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ޑްރަގު ރާއްޖެއަށް އެތެރެ ކުރަނީ ފޮށިގަނޑުތަކުގެ ބޭރުގައި "ޑްރަގް" ޖަހައިގެން ނޫން ކަމަށާއި ހަމަ އެބީދައިން ހަތިޔާރު ވެސް އެތެރެ ކުރެވިދާނެ ކަމުގައި ހުސެއިން ވަހީދު ވިދާޅުވިއެވެ. ފިލާވަޅުތައް ނަގައިދިން މީހުން ކިޔަަވައިދިން އެއްޗަކާއި ޚިލާފަށް ކަންކުރީމާ ވަރަށް ގޯސް ކަމުގައި ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެއީ ނޭނގުމެއް ނޫން ކަމަށާއި އެއީ ނުބައި ނުލަފާކަން ކަމަށާއި އަދި ގައުމަށް ގައްދާރުވުން ކަމަށެވެ.
ފޭސްބުކުގައި އޭނާ ލިޔުއްވި ސްޓޭޓަސް ނިންމާ ލައްވަމުން ޙުސައިން ވަނީ ލުތުފީ އެކޭ ވަސަންތީ އެކޭ ވިޔަޒޯރެކޭ ތަފާތެއް ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
ހދ. ހަނިމާދޫ އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ ޑޯނިއާ މިއަދު ވަނީ އައިސްފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވަނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރި ވަމުން ދާކަން ފާހަގަ ކުރެވެއެވެ.