ލޮކްޑައުން ކުރިޔަސް ރާއްޖެއަށް މެދުނުކެނޑި ކާޑު ލިބޭނެ: އިންޑިއާ
އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ލޮކްޑައުނަކަށް ދިޔުމާއި އަދި ލޮޖިސްޓިކަލް ދަތިތަށް ދިމާވި ނަމަވެސް ހަނޑޫ، ފުއް އަދި ހަކުރު ފަދަ ކާޑުގެ ބާވަތްތަށް މެދުނުކެނޑި އިންޑިއާއިން ރާއްޖެ އަށް ލިބޭނެ ކަމަށެވެ.
އެގޮތުން ހަނޑުލާއި ހަކުރުގެ 20 ދުވަހުގެ ސަޕްލައި މިހާރު ވަނީ ޝިޕް ކުރެވިފައި ކަމަށާއި އެތަކެތި ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ. އަދި އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމެންޓެއް ޓުޓިކޯރިން ޕޯޓުގައި ދަނީ ލޯޑު ކުރެވެމުން ކަމަށް ވެސް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުންދާތީ އެގައުމުގެ ސަރުކާރުން ރޭ ވަނީ މިއަދުން ފެށިގެން 21 ދުވަހުގެ ލޮކްޑައުން ކުރަން ނިންމާފައެވެ.