އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފި

ދުއްވާ އުޅަނދުފަހަރު ނުވަދެވޭ ގޮތަށް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށްފި އެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި މަގު ބަންދުކޮށްފައިވާ ސަރަހައްދު ދައްކުވައިދޭ މެޕް ހިމަނާފައިވެ އެވެ.
ދޫހިމެރިމަގާއި ސޯސަން މަގު ކަންމައްޗަށްވާ ގޮތަށް ހުރި ގާމަގު ކެފޭގައި އަލިފާން ރޯވެފައިވަނީ މިއަދު ހަވީރު ތިނެއް ޖަހާކަށް ހާއިރު އެވެ. އަލިފާން ނިއްވައިލެވުނީ ގާތްގަނޑަކަށް ގަޑިއިރެއްގެ ތެރޭގަ އެވެ. އެކަމަކު މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އަލިފާން އަނެއްކާ ރޯވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް މިރޭ 9:20 ހާއިރު ފުލުހުން ބުނެފައިވެ އެވެ.
ދެ ފަންގިފިލާއަށް ނަގާފައިވާ އެ އިމާރާތުގެ މަތީ ފަންގިފިލާ ހަދާފައިވަނީ ޓިނުންނެވެ. ދެ ފަންގިފިލާ ވެސް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ.
މިއަދު ރޯވި ތަނުގައި 50 ބިދޭސީން ދިރިއުޅޭ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ.