ޚަބަރު

މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާ ކަމަށް ބުނެ އެމްޑީޕީގެ ކަންބޮޑުވުން 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: ދެން

މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

Ads by Hajj Corporation

އެމްޑީޕީން އެގޮތަށް ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު, ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް ބުނެ "އަދަދު ނޫހުން" ޝާއިއުކުރި ހަބަރާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޭ އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިކަން ކުރުމާއި ހަބަރާއި މައުލޫމާތު ޝާއިއުކުރުމާއި އެ ހަބަރުތައް ފެތުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށެވެ.

އެމްޑީޕީން ބުނީ އެ ހައްގުގެ ބޭނުން ހިފައި ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ގެނެސްދޭ ފަރާތްތަކަށް ބިރު ދެއްކުމަކީ ހުދުމުހުތާރު ވެރިކަމަކަށް ފަހިކުރުމަށް ކުރާ ކަމެއް ކަމަށެވެ.

"ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާއިރު ސަރުކާރުން ކުރާ ނޭއްގާނީ ކަންކަމުގެ ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭ މީޑިއާތަކާއި ނޫސްވެރިންނަށް ފުރައްސާރަކޮށް، ބިރު ދައްކައި އަދި އެކި ގޮތްގޮތުން ގޯނާ ކުރުމަކީ އެފަދަ މީޑިއާތަކާއި ނޫސްވެރިންގެ އަޑު ކަނޑުވައިލުމަށް ރާވައި އިންތިޒާމުވެގެން ސަރުކާރު އިސްވެ ކުރާ ކަމެއްކަމަށް މި ޕާޓީން ގަބޫލުކުރަމެވެ."

ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލައި ނޫސްވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލި އެވެ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ކަށަވަރު ކޮށްދިނުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

"އަދަދު" ނޫހުގައި އިއްޔެ ޝާއިއުކުރި ހަބަރެއްގައި ބުނީ ރައީސް މުއިއްޒު ޕީއެންސީގެ ކޮންމެ މެމްބަރަކަށް މި މަހު ވެސް 75،000ރ ބެއްސެވި ކަމަށެވެ. އަދި މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ މަހަކު ވެސް މެމްބަރުންނަށް 50،000ރ ބަހަމުންދާ ކަމަށް ވެސް އަދަދުއިން ރިޕޯޓްކޮށްފައި ވެއެވެ.

Ads by Allied Insurance
  1. އިދިކޮޅު

    ދޮގު ޚަބަރު ފެތުރުމަކީ ނޫސް ވެރިން ނަށް ލިބިފަ އޮތް ހައްގެއްތަ؟؟؟؟