އިޒްރޭލުގެ އަމަލުތަކަކީ ޓެރަރިޒަމް، ޖަވާބުދާރީކުރުވަން ރައީސް އދ. ގައި ގޮވާލައްވައިފި
ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަނީ ގަތުލްއާންމެއް ކަމަށާއި އެ ޓެރަރިޒަމްގެ އަމަލުތަކަށް އެ ދައުލަތް ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްަމަދު މުއިއްޒު މިރޭ އދ. ގެ އާންމު މަޖިލީހުގެ 79 ސެޝަނުގެ ބަހުސްގައި ވިދާޅުވެއްޖެ އެވެ.
ރައީސްގެ ތަގުރީރުގައި ފަލަސްތީނުގެ މައްސަލާގައި ބައިނަލް އަގުވާމީ މުޖުތަމައާއި، ދައުލަތްތައް ހިމެނޭ ޖަމިއްޔާތަކާއި، ބާރުގަދަ ގައުމުތައް ފެއިލްވެފައިވާތީ ސީދާ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކިތަންމެ ކުޑަ އަދި ނިކަމެތި ގައުމަކަށް ވީ ނަމަވެސް، ބާރުގަދަ ރަހުމަތްތެރި އެކުވެރި ގައުމުތައް އެކުގައި ނެތް ގައުމަކަށް ވިޔަސް، އެ ގައުމެއްގެ ދައުލަތަށް ލިބެން ޖެހޭ ހައްގަކަށް އަދި އެ ދައުލަތުގައި ދިރިއުޅޭ އާންމުންގެ ހައްގަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އިޒްރޭލުން ޣައްޒާގައި ހިނގަމުންދާ ޖަރީމާއަކީ އަދުލު އިންސާފާއި ބައިނަލްއަގުވާމީ ނިޒާމަށް ފުރައްސާރަކުރުން،" ރައީސް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކާ ހިލާފަށް ހިންގާ ޓެރަރިޒަމްގެ މި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ވާން ޖެހޭ، ޖަވާބުދާރީ ކުރުވަން ޖެހޭ،"
އެމަނިކުފާނު ވަނީ ފުރަތަަ ފަހަރަށް ފަލަސްތީނު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވާން ފުރުސަތު ލިބުނީތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
"ފަލަސްތީނުގެ އަޚުންނާއި އުޚުތުން، އަޅުގަނޑުމެންގެ ފަހަތުގައި ތިބުމުގެ ބަދަލުގައި، ފުރަތަމަ ފަހަރަށް، އަޅުގަނޑުމެންނާއެކީ، މި ޖެނެރަލް އެސެމްބްލީގައި، އަޅުގަނޑުމެންނާ އެކީ ތިބެވޭ ގޮތަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގައި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، އެއީ މުސްތަގިއްލު އަދި މިނިވަން ދައުލަތެއް ގޮތުގައި ބަލައިގަތުމަށް ރާއްޖޭން ގޮވާލާ ގޮވާލުން ރައީސް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.