ޚަބަރު

ނިޒާމު ފެއިލްވާ މަންޒަރު ބަލަން ރާއްޖޭން ނުތިބޭނެ: ރައީސް މުއިއްޒު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ބައިނަލް އަގުވާމީ މުޖުތަމައުގެ ނިޒާމުގައި ހުރި ގޯސްތައް ރަނގަޅު ނުކޮށް، މުޅިި ނިޒާމު ފެއިލްވާ މަންޒަރު ބަލަން ރާއްޖެއަށް ނުތިބެވޭނެ ކަމަށް، އދ. ގެ އާންމު މަޖިލީހުގެ ސެޝަނުގެ ބަހުސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by MWSC

އދ. ގެ 193 މެންބަރު ގައުމުން ބައިވެރިވާ އެ ސެޝަނުގައި ރައީސް މުއިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ އެންމެ ބޮޑު އެ ޖަމިއްޔާ ވެސް ހިމެނޭ ގޮތަށް ދޭދޭ ގިނަ ގައުމުތައް ބައިވެރިވާ ގުޅުމުގެ ނިޒާމުގެ ބޭނުމެއް ހިފޭ ކަމުގައި ބެލެވޭނީ ގިނަ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ހަގީގީ ހެޔޮ ބަދަލެއް ގެނެވިގެން ކަމަށެވެ.

އދ.ގެ ނިންމުންތައް އދ.ގެ ނިޒާމުގެ އެކި ކަންކޮޅުތަކުގައި އަދި ލޯކަލް ލެވެލްގައި ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މަލްޓިލޭޓަރަލް ސިސްޓަމް ފެއިލްވަމުންދާ ތަން، ދިވެހިރާއްޖެއަށް ބަލަހައްޓައިގެން، މަޑުކޮށްލައިގެން ނުތިބެވޭނެ، އަޅުގަނޑުމެންގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ ކުރިއެރުމާއި، އަޅުގަނޑުމެންގެ ދެމިއޮތުމަކީ، މި ދުނިޔެއާ ގުޅިފައިވާ ކަމެއް،" ރާއްޖޭގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާ އދ. ގެ މެންބަރުންނަށް މިރޭ އިއްވި އެވެ.

"އަޅުގަނޑުމެން ކަހަލަ ކުދި ގައުމުތަކަށް ބޭނުން ވަނީ އަޅުގަނޑުމެން ޗެމްޕިއަންކުރާ މަލްޓިލޭޓަރަލް ސިސްޓަމެއް، އަދި އަޅުގަނޑުމެންނަށް ޓަކައި ވެސް ނަތީޖާ ނެރެވޭނެ ސިސްޓަމެއް،".

މިއަދު ހެނދުނު ގްލޯބަލް އޯޝަން ޓްރީޓީ ރާއްޖޭން ތަސްދީގުކޮށްފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި، އިންސާފާއި، އިންސާނީ ހައްގުތަކާ ގުޅޭ މިފަދަ އެތައް މުއާހަދާއެއްގައި ކުދި ގައުމުތަކުން ދެވެން އޮތް އެއްބާރުލުން ދޭ ކަން ފާހަގަ ކުރެއްވި އެވެ.

މީގައި ބައިވެރިވާ ކޮންމެ ގައުމަކުން ވެސް، ރާއްޖޭން ވެސް އެދެނީ އޭގެ ބަދަލުގައި އދ. އިން ވެސް އެ މަސައްކަތް ކުދި ގައުމުތަކުގެ ހައްގުގައި ތަންފީޒުކޮށްދިނުމަށް ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑުމެން އިލްތިމާސް ކުރަން، ތިޔަބޭފުޅުން ވެސް އެ ގޮތަށް ކަންތައް ކުރެއްވުމަށް. މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، ތަގައްޔަރު ކަމުން އަރައިގަތުމަށާއި، ބަޔޯޑައިވާސިޓީއަށް ލިބޭ ގެއްލުންތައް ރިވާސްކުރުމަށް ޓަކައި، ތިޔަ ބޭފުޅުންގެ ދައުރު އަދާކުރެއްވުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

"މުއްސަނދި އަދި ބާރުގަދަ ގައުމުތަކުން މިހާރު ވެސް ވެފައިވާ މާލީ ވައުދުތައް ފުއްދަން ޖެހޭ ހާއްސަކޮށް، ގައުމުތަކުގެ މެދުގައި މި ވާ މާލީ ފަރަގު ބޮޑުވަމުން ދިއުމަކީ، މޫސުމީ ބަދަލުތަކަށް އަޅުގަނޑުމެން ހޭނުމަށް، އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް،" ރައީސް ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ ދިރިއުޅުން، ކަނޑުގެ ސިއްހަތާއި މުއްސަނދިކަމުގެ މައްޗަށް ބަރޯސާވެފައިވާ ކަމަށާއި، ޕްލާސްޓިކް ތަގައްޔަރުވުމަށް ނުރައްކަލަށް ހުށަހެޅިފައިވާ ބާވަތްތައް ހިމާޔަތްކުރަން ޖެހިފައިވާތީ، ދިވެހީންގެ ސަލާމަތްތެރިކަމާ މެދު ވިސްނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.