ޚަބަރު

މުޅި ދުނިޔެއަށް ނުރައްކާ އޮތް ކަމުގެ މެސެޖު ދެއްވީ "މާނަފުން" ފޮޓޯއަކުން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ދިވެހިންނަކީ "ކްލައިމެޓް ޗެމްޕިއަނުން" ނެވެ. ދުނިޔެއަށް "ނޫ އިގުތިސޯދު"ގެ ތަސައްވުރު ތައާރަފުކޮށްދެއްވީ މި ގައުމުގެ ވެރިންނެވެ. އދ. ގެ އާންމު މަޖިލީހުގައި ދިވެހި ރައީސުން އަބަދުވެސް މާނަފުން ތަގުރީރުތައް ދެއްވި އެވެ. މުޅި ދުނިޔޭގެ ސަލާމަތާއި ކުދި ޖަޒީރާތަކުގެ ސަލާމަތާއި އޮންނަ ގުޅުން ވިދާޅުވެދެއްވި އެވެ.

Ads by Sosun Fihaara

ރާއްޖޭގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މިރޭ އދ. ގެ އާންމު މަޖިލީހުގައި އދ. އާއި މަލްޓިލޭޓަރަލް ނިޒާމު ފެއިލްވެފައިވާ ކަން ހަރު އަޑުން ވިދާޅުވަމުން ގެންދެވީ ހާސިލުނުކުރެވޭ ލަނޑުދަނޑިތަކުގެ ފޮތްތަކާއި އޭގެ ރިޕޯޓުތައް ވެސް ދައްކަވަމުންނެވެ.

ރައީސް ދެން އާންމު މަޖިލީހަށް ދައްކައިލީ ތަފާތު ފޮޓޯގަނޑެކެވެ. ފޮޓޯގަނޑުގެ އެއްކައިރިން ފެންނަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ހުރިހާ ކާރިސާއެއް ނޯޓުކޮށްފައިވާ ތަނެވެ. ދެން އޭގައިވަނީ ދުނިޔޭގެ މެޕެވެ. އެ މެޕްގައި ހުރިހާ ގައުމެއް އޮތީ ރަތް ކުލައިންނެވެ.

ފޮޓޯގަނޑުގެ މައި ސުރުހީއަކަށް ލިޔެފައިވަނީ "ކަންޓްރީސް އިން ކްރައިސިސް" އެވެ. މާނައަކީ އެއީ ކާރިސާގައި ތާށިވެފައިވާ ގައުމުތަކެވެ.

ރައީސްގެ ތަގުރީރު: ނިޒާމަށް ގޮންޖެއްސެވި!

އދ. ގެ 193 މެންބަރު ގައުމުން ބައިވެރިވާ އެ ސެޝަނުގައި ރައީސް މުއިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ އެންމެ ބޮޑު އެ ޖަމިއްޔާ ވެސް ހިމެނޭ ގޮތަށް ދޭދޭ ގިނަ ގައުމުތައް ބައިވެރިވާ ގުޅުމުގެ ނިޒާމުގެ ބޭނުމެއް ހިފޭ ކަމުގައި ބެލެވޭނީ ގިނަ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ހަގީގީ ހެޔޮ ބަދަލެއް ގެނެވިގެން ކަމަށެވެ.

އދ.ގެ ނިންމުންތައް އދ.ގެ ނިޒާމުގެ އެކި ކަންކޮޅުތަކުގައި އަދި ލޯކަލް ލެވެލްގައި ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މަލްޓިލޭޓަރަލް ސިސްޓަމް ފެއިލްވަމުންދާ ތަން، ދިވެހިރާއްޖެއަށް ބަލަހައްޓައިގެން، މަޑުކޮށްލައިގެން ނުތިބެވޭނެ، އަޅުގަނޑުމެންގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ ކުރިއެރުމާއި، އަޅުގަނޑުމެންގެ ދެމިއޮތުމަކީ، މި ދުނިޔެއާ ގުޅިފައިވާ ކަމެއް،" ރާއްޖޭގެ ހަތްވަނަ ރައީސް އދ. ގެ މެންބަރުންނަށް މިރޭ އިއްވި އެވެ.

"އަޅުގަނޑުމެން ކަހަލަ ކުދި ގައުމުތަކަށް ބޭނުން ވަނީ އަޅުގަނޑުމެން ޗެމްޕިއަންކުރާ މަލްޓިލޭޓަރަލް ސިސްޓަމެއް، އަދި އަޅުގަނޑުމެންނަށް ޓަކައި ވެސް ނަތީޖާ ނެރެވޭނެ ސިސްޓަމެއް،". އެމަނިކުފާނު ވިދާޅުވި އެވެ.

Ads by Ooredoo