ރައީސްގެ ވާހަކަފުޅުން ޔާމީންއާ މެދު ތަފާތު ކުރުން ގެންގުޅޭކަން ޔަގީންވެއްޖެ: އަދުރޭ
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު ސަރުކާރުން ތަފާތު ކުރުން ގެންގުޅޭކަން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުން ޔަގީންވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅިގެން ޔާމީން ގެއަށް ބަދަލުކުރުމުގެ ވިސްނުންފުޅެއް ގެންގުޅުންވަންތޯ ސުވާލުކުރުމުން ރައީސް ސޯލިހު ވިދާޅުވީ ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.
އެކަމާ ގުޅިގެން ރޭ "ޗެނަލް 13"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހު ދެއްވި ޖަވާބުން ލިބިވަޑައިގެންނެވީ ހައިރާން ކަމެއް ކަމަށެވެ.
"ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނަމަ އެމްއެމްޕީއާރްސީގެ މައްސަލާގައި ހުކުމްކޮށްފައިވާ އަދި މިހާރު ގޭ ބަންދުގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕިއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުންނަވަން ވާނީ ޖަލުގައި. އެހެންވީމަ މިއަދު ކަށަވަރުވެގެން މިދިޔައީ ރައީސް ޔާމީންއާ ދޭތެރޭ ތަފާތު ކުރުންތަކެއް ރައީސް ސޯލިހު ގެންގުޅުއްވާކަން. މީގެ ކުރިއަށް ވުރެ ވެސް ބޮޑަށް މިއަދު އެކަން ޔަގީންވެގެން މިދިޔައީ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި އިދިކޮޅު ފަރާތަކީ ދައުލަތުގެ އެއް ބާރު ކަމަށާއި އަދި ޔާމީން އަކީ އިދިކޮޅު ލީޑަރަށްވާއިރު އެމަނިކުފާނު ޖަލުގައި ބާއްވައިގެން ތަފާތުކުރުން ގެންގުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އަދުރޭއާ އެމަނިކުފާނަށް ބަރާބަރަށް ގުޅުއްވާ ކަމަށާއި ނަމަވެސް ދެ ފަހަރަކު ފޯނަށް ޖަވާބުނުދެވުނު ކަމަށެވެ. އެ ދެ ފޯން ކޯލަކަށް ޖަވާބެއް ނުދެވުނަސް ފަހުންވެސް ގުޅުއްވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އަދުރޭގެ ނަމުގައި ފޭކް ޓުވީޓެއް ސޯސަލް މީޑީއާގައި މިއަދު ދަނީ ދައުރުވަމުންނެވެ. އެގޮތުން އެ ޓްވީޓުގައި އަދުރޭ ރައީސް ސޯލިހަށް ނުގުޅުއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.