ޚަބަރު

ކޮވިޑް-19: ރާއްޖެއިން މެލޭޝިއާގެ އެހީއަށް އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ފަރުވާ ހޯދުމަށް ބޭނުންވާ އެހީއަށް ރާއްޖެއިން މެލޭޝިއާގައި އެދިއްޖެއެވެ.

Ads by STELCO

މި އެހީއަށް އެދިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މެލޭޝިއާގެ ފޮރިން މިނިސްޓަރ ދާތޯ ސެރީ ހަޝަމުއްދީން ތުން ހުސައިންއާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ވާހަކަފުޅުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ޤައުމުގެ އިޤްތިޞާދުގެ ބޮޑުބައެއް ބަރޯސާވެފައިވާ ޤައުމެއްކަމުން، މިހާރު ކުރިމަތިވެފައިވާ ޙާލަތުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ދަނޑިވަޅުގައި ބޭރު ޤައުމުގެ އެހީއަށް ރާއްޖެ އިންތިހާއަށް ބޭނުންވެފައިވާއިރު، ކޮވިޑް-19އިން ރައްކާތެރިވެ ފަރުވާ ހޯދުމަށް ބޭނުންވާ ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާގެ އެހީއަށް ފޮރިން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ޝާހިދުވަނީ މެލޭޝިއާ މިހާރު ލޮކްޑައުންއަކަށް ގޮސްފައިވާއިރު، އެޤައުމުގައި ދިވެހި ގިނަ ރައްޔިތުންތަކެއް ދިރިއުޅޭއިރު އެފަރާތްތަކަށް މެލޭޝިއާ ސަރުކާރުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ކުރިއަށްއޮތްތަނުގައި ދެ ޤައުމު ގުޅިގެން ކޮވިޑް-19އާއި ދެކޮޅަށް ކުރާނެ މަސައްކަތާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!