ދުންފަތުގެ ބާވަތްތައް ނައްތާލުމުގެ ހަރަދު ދެން ކުރަން ޖެހޭނީ ގެންނަ ފަރާތުން
ދުންފަތުގެ ބާވަތްތައް އެތެރެކުރާއިރު ގަވައިދާ އެއްގޮތަށް ޕެކެޓްކޮށް ލޭބަލްނުކޮށް ހުންނަ ދުންފަތުގެ ބާވަތްތައް ނައްތާލުމުގެ ހަރަދު އެ ތަކެތި އެތެރެކުރާ ފަރާތްތަކުން ކުރަން ޖެހޭ ގޮތަށް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށް އަމަލުކުރަން ފެށި އާ އިސްލާހުގައި ބުނީ ޝަރުތު ފުރިހަމަނުކޮށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ މަރުހަލާގައި އެތެރެކުރި ފަރާތް ޖޫރިމަނާ ކުރުމަށް ފަހު އެ ތަކެތި ގަވައިދާ އެއްގޮތަށް ކަސްޓަމްސްއިން ނައްތާލަން ޖެހޭނެ ކަމަށެވެ.
އެގޮތުން އެ އެއްޗެހި ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެ މަތީން ނައްތައިލުމަށް ހިނގާ ހަރަދު އެތެރެކުރި ފަރާތްތަކުން ކަސްޓަމްސްއަށް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެފަދަ ތަކެތި ހުންނައިރު ހިނގާ ހަރަދުވެސް އެތެރެކުރި ފަރާތުން ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައި ބުންޏެވެ.
އެހެން ނަމަވެސް އަމިއްލަ ބޭނުމަށް ޕޯސްޓުން ގެންނަ އެފަދަ ތަކެއްޗާއި އަދި ދަތުރުވެރިން ގެންނަ އެފަދަ ބާވަތްތައް ނައްތާލުމަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ހުއްޓުވުމުގެ މަގުސަދުގައި ހަދާފައިވާ އެ ގަވައިދުގައި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރާއިރު ގިނަކަންތައްތަކެއް ފުރިހަމަވާންޖެހެެ އެވެ.
އެގޮތުން ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި
އިންޒާރުގެ ނޯޓިސް ޖަހަން ވެސް ޖެހެ އެވެ.