ކޮވިޑް19 އިން މިންޖުވުމަށް އެދި އަދުރޭ ދަންނަވާ އިލްތިޖާ ، ވަރަށް ފުރިހަމަ
ފެތުރެމުންދާ ކޮރޯނާ ވައިރަސް މިވަނީ ދުނިޔެ ހުއްޓުމަކަށް ގެނުވާފައެވެ. މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މިވައިރަހުގެ ޝިކާރައަކަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ވެގެންދާއިރު މުޅި ދުނިޔެ މިވަނީ މި ބަލީގެ އަނދިރިކަމުގައެވެ.
ދުނިޔޭގެ ގަދަފަދަ އިޤްތިޞާދު ތަކާއި ގަދަ ފަދަ ލަޝްކަރުތައް މިވަނީ އިނދަޖެހިފައެވެ. ﷲގެ ކުޑަކުޑަ މަޚުލޫޤެއްގެ ކުރިމަތީގައި ގަދަފަދަ އިންސާނާގެ ނިކަމެތިކަން މިވަނީ ސާބިތުވެފައެވެ. ނަޤުދަކުން ނުވަތަ މުދަލަކުން ވީ ފައިދާއެއް ނެތެވެ. އަދި ކިއެއް! ޙަސަބާއި ނަސަބަކީ ވެސް ތިމާގެ ރައްކާތެރިކަމަށް އޮތް ސަބަބަކަށް ނުވިއެވެ. މޮޅު ކަމުގެ ޙައްދެއް ނެތްކަމަށް ދައުވާކުރި މީހުންނާއި އާދައިގެ އިންސާނުން މިތިބީ އެއް ހަމައެއްގައެވެ. ނުރައްކަލުގެ ކޮޅުމަގު ގައެވެ/
އެހެންނަމަވެސް ކޮންމެ ބައްޔެއް ވެސް ލެއްވީ ފަރުވާއަކާ އެކުގައިކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ﷲގެ އިރާދަފުޅުން މިކަމަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާނެއެވެ.
އޭ އަޅަމެންގެ ވެރި އިލާހު! އަޅަމެންގެ ޙާލު ބައްލަވާ ވޮޑިގަންނަވާންދޭވެ! ކޮވިޑް19ގެ ޝިފާއަށް އެދިގެން އަޅަމެން މި ދަންނަވާ އިލްތިޖާ އައްސަވާ ވޮޑިގަންނަވާންދޭވެ!
މިއީ ކޮވިޑް19 އާއި ގުޅިގެން ޕީއެންސީގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ދަންނަވާ އިލްތިޖާއެވެ. އެމަނިކުފާނުގެ އަސަރުގަދަ މިޅެން މުންތާޒު މޫސާގެ ހިތްގައިމު އަޑުން އަޑު އަހާލަން ވަރަށް ހިތްގައިމެވެ. އަމުދުން ރަމަޟާން މަހުގައި އާންމުކޮށް ކަންފަތުގައި ހަރުލާފައި ހުންނަ ޢަބުދުﷲ ޙަސަންގެ މަދަހައިގެ ރާގަކަށް މި ޅެން ކިޔާފައި ވުމުން އެ ހަނދާންތައް ވެސް އާވެގެން ދެއެވެ.