އަލިދޫ ރިސޯޓުން ވައްކަންކުރި މައްސަލާގައި ދައުވާކުރަން ފޮނުވައިފި
ހއ.އަލިދޫ ރިސޯޓުން އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާކުރަން ފޮނުވައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަ ދިވެއްސަކު ހައްޔަރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިކަން ފުލުހުން ހާމަކުރި ނަމަވެސް ދައުވާ ކުރަން ފޮނުވީ ކިތައް މީހުންނަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އަލިދޫ ރިސޯޓަށް އެކި ދުވަސްމަތިން އަރާ އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ ހއ. އުތީމުގެ ނުވަ ގެއެއް ބަލައި ފާސްކޮށް ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ހޯދާފައެވެ.