ޗައިނާގެ އުޅަނދުތަކެއް ފިލިޕީންސްއާ ދެބަސްވުން އުފެދިފައިވާ ރަށެއްގެ ކައިރިން ފެނިއްޖެ

ފިލިޕީންސްއާ ޗައިނާއާ ދެމެދު ދެބަސްވުން އުފެދިފައިވާ ރަށެއްގެ ކައިރިން ޗައިނާގެ އުޅަނދުތަކެއް އެއްވެފައިވާކަން ސެޓެލައިޓް މަންޒަރުތަކުން ދައްކައިފިއެވެ. މި މަންޒަރުތައް ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ރޮއިޓަރޒް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އުޅަނދުތައް ފެނިފައިވަނީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ތިޓޫ ރަށުގެ ކައިރިންނެވެ. މި ރަށަކީ ފިލިޕީންސްއިން ޕަގާސާ ރަށުގެ ނަމުން ވެސް ކިޔާ ރަށެކެވެ. އަދި މިއީ ޗައިނާއާއި ފިލިޕީންސްއާ ދެމެދު ވަރަށް ބޮޑު ދެބަސްވުމެއް އޮތް ސަރަޙައްދެކެވެ.
ސެޓެލައިޓް މަންޒަރުތަކުން ދައްކާގޮތުގައި މި ސަރަޙައްދުގައި 135 އަށްވުރެ ގިނަ ޗައިނާގެ އުޅަނދު ވަނީ އެއްވެފައެވެ. މީގެ ތެރޭގައި ކޯސްޓްގާޑް އުޅަނދުތަކާއި މަސްބޯޓުފަހަރު ހިމެނެއެވެ. މި އުޅަނދުތައް އެއްވެފައިވާ ސަރަޙައްދަކީ ފިލިޕީންސްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރޭގައި ހިމެނޭ ސަރަޙައްދެކެވެ.
ޗައިނާއިން މި ސަރަޙައްދުގައި މިފަދަ ޙަރަކާތްތައް ހިންގަމުންދާތީ ފިލިޕީންސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ފިލިޕީންސްގެ އިސްވެރިން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާއިން އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ކުރިން މިފަދަ ހާދިސާތަކުގައި ޗައިނާއިން ބުނަމުން އައިސްފައިވަނީ އެ ސަރަޙައްދަކީ އެ ޤައުމުގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ތަނެއްކަމަށެވެ.