އަލިފާނުގެ އަސަރު އެއްކޮށް ފިލުވާނުލެވޭ: އެމްއެންޑީއެފް

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހުންނަ އިމާރާތުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑުގެ އަސަރު އަދިވެސް އެއްކޮށް ފިލުވާނުލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މިއަދު ހެނދުނު އަލިފާން ރޯވީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ ހުންނަ އިމާރާތެވެ.
އެ ހާދިސާގައި އެ އިމަރާތާއި އެ ތަނުގައި ހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރަން ހަތަރު ގަޑިއިރު ނެގި އެވެ.
އެހެން ނަމަވެސް މިރޭވެސް އެ އިމަރާތުން ދަނީ ކޮންމެވެސް ވަރަކަށް ދުން އަރަމުން ނެވެ.
އެމްއެންޑީއެފްއިން ބުނީ އަދިވެސް އިމާރާތުގެ އެތެރެއިން އަލިފާނުގެ އަސަރު އެއްކޮށް ފިލުވާ ނުލެވޭ ކަމަށާއި އަދި މިހާރުވެސް މޮނީޓާކޮށް ފެން ޖަހަމުންދާ ކަމަށެވެ.