މާލެ ސިޓީ ކައުންސިލުގެ ވައިޓަލް ރެޖިސްޓްރޭޝަންގެ ހިދުމަތް ހުޅުމާލެއަށް
ތިން މިނިސްޓްރީއެއް ހިންގަމުން އައި މ. ގްރީން ބިލްޑިންގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށް ލިބުނު ގެއްލުމާ ގުޅިގެން އެތަނުން ދެމުން އައި ވައިޓަލް ރެޖިސްޓްރޭޝަންގެ ހިދުމަތް ހުޅުމާލެއިން ލިބޭ ގޮތް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
އަލިފާނުގެ ހާދިސާ އާ ގުޅިގެން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އައި އޮފީސް އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެ ކޮށީގައި ހިންގަމުން އައި މާލޭ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
ހާދިސާގައި ވައިޓަލް ސާވިސަސް ސެކްޝަނުގައި ރައްކާކޮށްފައި ހުރި މުހިންމު ލިޔެކިޔުންތަކަށް ވަނީ ގެއްލުން ވެފަ އެވެ. އޭގެ ތެރޭގައި އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ހިމެނެ އެވެ. ބައެއް ލިޔުންތައް އަނދައިގެން ދިޔައިރު، އަލިފާން ނިއްވަން ކުރި މަސައްކަތުގެ ތެރޭގައި ގިނަ އަދަދެއްގެ ލިޔުންތަކަށް ފެނުގެ އަސަރުވެސް ވަނީ ކޮށްފަ އެވެ.
އެމްއެންޑީއެފްގެ އޮފިސަރުންނާއި ކައުންސިލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ ތަނުގައި ހުރި ވަރަށް ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ނެރެ ސަލާމަތް ވެސް ކުރި އެވެ.
ސަލާމަތް ކުރެވުނު ތަކެތި ގުދަންކޮށް، ފެން ޖެހުމުގެ ތެރޭގައި ތެމިފައިހުރި ލިޔެކިޔުންތައް ހިއްކުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރަތް އަދައިގެން ދިޔަ ހާދިސާގައި، އެ ގޯތި ތެރޭގައި ހުރި އެ ކައުންސިލުގެ ވައިޓަލް ރެޖިސްޓްރޭޝަނުގެ ހިދުމަތް ދެމުން ދިޔަ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"މިވަގުތު ވައިޓަލް ރެޖިސްޓްރޭޝަންގެ ހިދުމަތް ދެމުން މިދަނީ ހުޅުމާލެ އަމީން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެ ސިޓީގެ އޮފީހުން،" ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ދަނީ މި ހަފުތާގެ ތެރޭގައި ވައިޓަލް ރެޖިސްޓްރޭޝަނުގެ ހިދުމަތް، މާލޭން ދޭން ފެށުމުގެ މަސައްކަތް ކުރަމުންނެވެ. ކަމާ ގުޅިގެން އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ސިޓީ ކައުންސިލުން ވަނީ މާފަށް އެދިފަ އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ކުއްލި އާންމު ބައްދަލުވުމެއްގައި ހާދިސާ އާ ގުޅިގެން ކައުންސިލަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް 4.5 މިލިއަން ރުފިޔާގެ އެމަޖެންސީ ބަޖެޓެއް ފާސްކޮށްފައިވެ އެވެ.