ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް އަސްމާ އައްޔަނުކޮށްފި
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ގާއިމުކުރި އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް އަސްމާ ޝަފީއު އައްޔަނުކޮށްފި އެވެ.
އަސްމާ އެ މަގާމަށް އައްުޔަނުކުރިކަން ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ.
ކޮމިޝަނާ އޮފް ރިފޯމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިގުތިސާދު ރިފޯމް ކުރުމުގެ އިތުރުން އިގުތިސާދު ސިންދާފަތުކޮށް ދެމެހެއްޓެނިވި ތަރައްގީއާ ދިމާލަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ހިމެނެ އެވެ.
އޭގެ އިތުރުން ދައުލަތުގެ ކުންފުނިތައް ރިފޯމް ކުރުމާއެކު ފިސްކަލް ރިފޯމްތަކުގެ މަސައްކަތްތައް ވެސް ކޮމިޝަނަރުގެ ޒިންމާގެ ތެރޭގައި ހިމެނެ އެެވެ.
އަސްމާ އަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ.
އޭނާ ކުރިން ވަނީ މީރާގެ ޑިރެކްޓާ ޖެނެރަލް، ޕްލޭނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވެސް ފުުރުއްވައިފަ އެވެ.
ދައުލަތުގެ އިގުތިސާދީ ހާލަތު ގޯސްވެ ސަރުކާރުން މިހާރު ވެސް ރިފޯމްގެ މަސައްކަތް ވެސް ފަށައިފަ އެވެ.
އެގޮތުން ކުރިންދެމުން އައި ސަބްސިޑީގެ މަަސައްކަތްތަކަށް މިހާރު ވަނީ ބަދަލުތައް ގެނެސްފަ އެވެ.
އޭގެ ތެރޭގައި އާސަންދައަށް ދެމުން އައި ސަބްސިޑީ ހިމެނެ އެވެ.