ސެކިއުރިޓީ ފީޗާސް ހިމެނޭ ޑޮމެއިން ރެޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރަން ފަށައިފި

ސެކިއުރިޓީ ފީޗާތަކާއެކު ވެހިކަލް ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓް ދޫކުރަން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އާ ފީޗާސްތައް ހިމެނޭ ރަޖިސްޓަރީ ސެޓްފިކެޓް އެންމެ ފުރަތަމަ ލިބުނު ފަރާތަށް ލިޔުން ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.
"މިހާރު ކުރީގައި ހުރި ހުރިހާ ޑޮމެއިން ސެޓްފިކެޓްތަކެއް ވާހަކައަކީ ފޭކު އެއްޗެތިތައް ބަދަލުކޮށް ސެކިއުރިޓީ ފީޗާސްއާއެކީގައި ޑޮމެއިން ސެޓްފިކެޓްގެ ރަޖިސްޓްރީ މި ދޫކުރަން މި ފެށީ" މިނިސްޓަރު އަމީން 'ދެން' އަށް މިއަދު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ޑޮމެއިން ވިއްކުމުގެ ވަގު ވިޔަފާރިގެ މައްސަލަ ބޮޑުވެ އެކަން އޮތީ މަޑުޖައްސާލާފަ އެވެ. ޑޮމެއިން ވިއްކަމުން ދަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެކަން ހުއްޓުވަން އެންގީ ރައީސް އޮފީހުންނެވެ.
މިނިސްޓަރު އަމީން މީގެ ކުރިން ވިދާޅުވީ ޑޮމެއިންގެ ހިދުމަތުގެ ރެކޯޑް ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނެތުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ނެތުމުން އާ ސަލާމަތީ ފިޔަވަޅުތަކާ އެކު ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އަލުން ތައާރަފުކުރާނެ ކަމަށެވެ.
އަދި އޭގެ ފަހުން ކުރިން ދޫކޮށްފައިވާ ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ނުވަތަ ފައިސާ ދެއްކިކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހަޅައިގެން އަލަށް ތައާރަފުކުރާ ޑޮމެއިންއަށް ބަދަލުކުރުމަށް 2 މަސްދުވަހުގެ މުއްދަތެއް ދިނުމަށް މިދިޔަ މަހު މިނިސްޓްރީން ނިންމި އެވެ.
ޑޮމެއިންގެ ހިދުމަތައް އެދި ލިޔެކިޔުންތައް ހުށަހެޅުމަށް ދެ ގޮތެއް ވަނީ ހަމަޖެހިފަ އެވެ. އެއީ ޑޮމެއިންގެ ހިދުމަތައް ހާއްސަކޮށްފައިވާ އީމެއިލްއަށް މެއިލްކުރުން ނުވަތަ ޑޮމެއިންގެ މަސައްކަތަށް މިނިސްޓްރީން ހާއްސަކޮށްފައިވާ ކައުންޓަރަށް ހުށަހެޅުމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް މިނިސްޓްރީގެ ގްރައުންޑް ފްލޯގަ އެވެ.
އަދި 60 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު މިނިސްޓްރީއިން ޑޮމެއިންގެ ގޮތުގައި ބަލައިގަންނާނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދުގެ ޖަދުވަލް 1 ގައި ބަޔާންކޮށްފައިވާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އެކަންޏެވެ.
މިނިސްޓްރީން ބުނީ އަމާޒަކީ އެ ހިދުމަތް އަލުން ފެށިގެންދާއިރު ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓާ ކުރާނެ ހަރުދަނާ ނިޒާމާއި ހަރުދަނާ ގަވާއިދެއް އެކުލަވާ, ގަވާއިދާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
