މުނިފޫހިފިލުވުން

ނެޓްފްލިކްސް ގައި އެންމެ ގިނަ ދިވެހިން ބަލާ ޝޯ ތަކަކީ މިއީ

ދެން އެމްވީ

ނެޓްފްލިކްސްގެ ސްޓްރީމިން ސާވިސްއަކީ އެންމެ ގިނަ ބަޔަކު މިހާރު ޝޯތައް ބަލައި އުޅޭ އެއް ވަސީލަތެވެ. އެ ޕްލެޓްފޯމުގައި އޮރިޖިނަލް އަދި މޮޅު ކޮލިޓީގެ ޝޯތައް ގުނާ ހުސްނުވާނެއެވެ. ގޭގައި މަޑުކުރަން ޖެހިފައިވާ މި ދުވަސްކޮޅުގައި ގިނަ ބައެއްގެ އެންމެ ގާތުގައިވާ އެއް ފަރާތަކީ ވެސް ނެޓްފްލިކްސް އެވެ. ދިވެހިންގެ ތެރޭގައި ވެސް ނެޓްފްލިކްސް ޝޯ ތަކުގެ މަގުބޫލުކަން ބޮޑުއިރު މި ލިޔުމުގައި މި ބަލާލަނީ މި ދުވަސްކޮޅު ނެޓްފްލިކްސް އިން ދިވެހިން އެންމެ ގިނައިން ބަލަމުންގެންދާ 10 ޝޯއަށެވެ.

ލިސްޓުގެ އެއްވަނައިގައި އޮތީ 27 މާރޗް 2020 ގައި ނެޓްފްލިކްސް އަށް ދޫކޮށްލެވުނު މަސްކާއެވެ. މި ހިންދީ ފިލްމަކީ މިހާރު އެންމެ ގިނަ ދިވެހިން ނެޓްފްލިކްސް ގައި ބަލަމުން ގެންދާ ފިލްމެވެ. މި ފިލްމުން ދައްކުވައިދެނީ އެކްޓަރަކަށް ވުމުގެ ހުވަފެނުގައި އުޅޭ ފިިރިހެން ކުއްޖަކު އަންހެން ކުއްޖަކާއި ދިމާވެ މުޅި ހަޔާތް ބަދަލުވާ ގޮތުގެ ވާހަކައެވެ. މި ފިލްމްގެ ލީޑުގައި އުޅޭ ތަރިންގެ ތެރޭގައި މަނީޝާ ކޮއިރަލާ، ޖޭވިޑް ޖެފްރޭ، ނިކިތާ ދައްތާ ގެ އިތުރުން މުޅިން އަަލަށް މި ދާއިރާއަށް ނިކުންނަ ދެތަރިން ކަމަށްވާ ޝިރްލޭ ސެޓިއާ އާއި ޕްރިތް ކަމާނީއެވެ.

ދެވަނައިގައި އޮތީ ސްޕެނިޝް ޓިވީ ޝޯއެއް ކަމަށް ވާ ޓޯއީބޯއީ އެވެ. މި ސިރީޒްއިން ދައްކުވައިދެނީ ޓީނޭޖު ފިރިހެން ކުއްޖަކަށް އޭނާ ގެ މަަންމަ އާއި ރައްޓެހިންތަކެއްގެ ސަބަބުން ދިމާވާ ކަންތައްގަނޑެއްގެ ވާހަކައެވެ. މި ޝޯގެ އިސް ރޯލުތަކުން ފެނިގެންދަނީ ޖީސަސް މޮއިކުއެރާ، ކްރިސްޓިއާނޯ ކަސްތާނޯ ގެ އިތުރުން މާރިއާ ޕެޑްރާޒާއެވެ.

އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު މަނީ ހެއިސްޓްގެ ސީޒަން ހަަތަރެއް ރިލީޒްކުރަން ހަމަޖެހިފައިވާއިރު ދިވެހިން މިހާރު އެންމެ ގިނައިން ބަލާ ޝޯތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތީ ވެސް މަނީ ހެެއިސްޓެވެ. އެންމެ ފުރަތަމަ ރިލީޒްކުރި އިރުވެސް ބޮޑު މަގުބޫލު ކަމެއް ހޯދި މި ކްރައިމް ސީރީޒްއަކީ ސްޕެނިޝް ޝޯއެކެވެ. މާސްޓާރމައިންޑް އޭނާގެ ހުވަފެނީ ވައްކަންތައް ހަގީގަތަކަށް ހެދުމަށް ބޮޑު ޓީމަކާއި އެކު ކުރި ދަތުރު މި ޝޯއިން ފެނިގެންދެއެވެ. މި ޝޯގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނެނީ ޕްރެފެސަރ ގެ ރޯލު ކުޅޭ އަލްވާރޯ މޯތޭ އާއި ޓޯކްޔޯގެ ރޯލު ކުޅޭ އުރްސެލާ ކޯބެރޯ ގެ އިތުރުން ރަކޭލް ގެ ރޯލު ކުޅޭ އިތްޒިއާރ އުތީނޯ އެވެ.

އަންހެން ފުލުހަކު ޑްރަގް މައްސަލައެއް ތަހުގީގުކުރުމަށްޓަކައި އަންޑަކަވާ އަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވާ ކަންތައްތަކެއްގެ ވާހަކަ ގެނެސްދޭ ސީރީޒް އެއްކަމަށްވާ ޝީ އޮތީ މިލިސްޓުގެ ހަތަރުވަނައިގައެވެ. މި ޝޯއަކީ އިންޑިއަން ކްރައިމް ޑްރާމާއެކެވެ. އިމްތިއާޒް އަލީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް އުފައްދާފައިވާ މި ޝޯގެ އިސް ލީޑުން ފެނިގެންދަނީ އާދިއްތީ ޕޯހަންކަރާއި ވިޖޭ ޝަރްމާ ގެ އިތުރުން ދިވްޔާ ޖޮހޮރީއެވެ. މި ޝޯ ނެޓްފްލިކްގެ ސްޓްރީމިން އަށް ދޫކޮށްލާފައިވަނީ މާޗު މަހުގެ 20 ވަނަ ދުވަހުއެެވެ.

ލިސްޓުގެ ބާކީ ބައިގައި ކްރައިމް ޑްރާމާތަކާއި އާންމުންނަށް ކަމުދާ ކޮމެޑީތައް އެބަހުއްޓެވެ.
އެގޮތުން:

5. ފްރޮއިޑް

6. އޮޒާރކް

7. އިލައިޓް

8. ފްރެންޑްސް

9. މާރކް އޮފް ދަ އީވިލް

10. ދި ޕްލެޓްފޯމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!