ޚަބަރު އިޖުތިމާޢީ

ހޮނިހިރާ ހަމައަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ: މެޓް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ވެސް ގަދަ

މިއަދުން ފެށިގެން މި އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފި އެވެ.

Ads by STELCO

މެޓް އޮފީހުން "ދެން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ މި ވިއްސާރާގައި ބޮޑަށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވާނީ މެދުރާއްޖެތެރެ އާއި އުތުރުގެ ހިސާބުތަކަށް ކަމަށެވެ. ނަމަވެސް ދެކުނަށް ވެސް ކޮންމެސް ވަރަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އުތުރާއި މެދުރާއްޖެތެރެއަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އިއްޔެއިންސުރެ ރާއްޖޭގެ އެކި ހިސާބުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވެ އެވެ. އަދި މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.

މި ވަގުތުތަކުގައި އެކި ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވެސް މެންދުރުފަހު 2:30 އިން ފެށިގެން މިރޭ 8:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މީގެކުރިން މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ބުނެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!