ދުނިޔެ

ކޯވިޑް 19: އިނގިރޭސިވިލާތުގައި ކެބިނެޓް މީޓިންގް ބޭއްވީ ވީޑިއޯ ކޯލްކޮށްގެން

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޯވިޑް 19 ވައިރަހުގެ ސަބަބުން އިނގިރޭސިވިލާތުގެ ކެބިނެޓް ބައްދަލުވުމެއް ވީޑިއޯ ކޯލް މެދުވެރިކޮށް ބާއްވައިފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯސަންވެސް ކޯވިޑް 19 އަށް ޕޮޒިޓިވް ވެގެން މިވަގުތު ހުރީ ސެލްފް އައިސޮލޭޝަންގައެވެ. ވީޑިއޯ ކޯލް މެދުވެރިކޮށް ބޭއްވި އެ ކެބިނެޓް މީޓިންގައި މިނިސްޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މިސްޓަރ ޖޯސަން ވިދާޅުވީ ކޯވިޑް 19 ގެ ސަބަބުން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށާއި، އަދި އެއަށްފަހު އެ ހާލަތުން އަރައިގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން ބޮޑު ވަޒީރު ވަނީ، އެގައުމުގައި ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާތީ އެކަމާއި ދޭތެރޭ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ރައްޔިތުން ސޯޝަލް ޑިސްޓެންސިން އަށް ފަރިތަކުރުވަން ޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ކެބިނެޓް ބައްދަލުވުމުގައި ބޭރު ގައުމުތަކުގައި ދިރިއުޅެމުންދާ އިނގިރޭސިވިލާތުގެ ރައްޔިތުން ގައުމަށް އަނބުރާ ގެންނާނެ ގޮތްތަކާއި ގުޅޭގޮތުން މިނިސްޓަރުންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މިނިސްޓަރުން ވަނީ، ވީހާވެސް އަވަހަކަށް ކޯވިޑް 19 އަށް ޝައްކުވާ ގިނަ މީހުން ޓެސްޓް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތްތަކާއި ދޭތެރޭވެސް މަޝްވަރާކޮށްފައެވެ.

އެ ކެބިނެޓް ބައްދަލުވުމުގައި އިންގްލެންޑްގެ ޗީފް މެޑިކަލް އޮފިސަރ ކަމަށްވާ ކްރިސް ވިޓީ އަދި އިނގިރޭސި ސަރުކާރުގެ ޗީފް ސައިންޓިފިކް އެޑްވައިސަރ ސަރ ޕެޓްރިކް ވެލާންސް ވެސް ވަނީ ބައިވެރިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!