ޚަބަރު

ކަސްޓަމްސްގެ މުވައްޒަފުންތަކެއްގެ އެކައުންޓްގައި 400 މިލިއަން ރުފިޔާ ދައުރުވި މައްސަލަ ބަލަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ކަސްޓަމްސް ބިލްޑިން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މޯލްޑިވްސް ކަސްޓަމް ސާވީސްގެ އޮފިސަރުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމުގެ މައުލޫމާތު "ދެން" އަށް ލިބިއްޖެ އެވެ.

Ads by Sosun Fihaara

އެ މައްސަލައިގެ މައުލޫމާތު އެނގޭ މީހަކު "ދެން" އަށް ބުނީ، ފުލުހުން ތަހުގީގު ކުރަމުންދަނީ ނުހައްގު މުއްސަނދިކަން ހޯދުމުގެ އޭންގަލްއިން ކަމަށެވެ.

މައުލޫމާތު ދިން މީހާ ބުނީ، 400 މިލިއަން ރުފިޔާ ދައުރުކޮށްފައިވަނީ ކަސްޓަމްސްގެ 10 އޮފިސަރެއްގެ އެކައުންޓުގައި ކަމަށެވެ. އޭގެ ތެރެއިން މި ވަގުތު ތަހުގީގުކުރަމުން ދަނީ 3 އޮފިސަރެއްގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލައެއް ފުލުހުން ބަލަން ފެށީ މީގެ 3 މަސް ކުރިން ކަމަށްވެ އެވެ.

"އެ އަދަދު [400 މިލިއަން] އެ އޮފިސަރުންނާ އެމީހުންގެ އަމިއްލަ އެކައުންޓާ އާއިލީ ވިޔަފާރިތަކާ ގުޅިފައިވާ އެކައުންޓުތަކުގެ ކްރެޑިޓް އެކައުންޓާ, ޑެބިޓް އެކައުންޓުގައި ދައުރުކޮށްފައިވާ ފައިސާ. އެ އެންމެންނާ އެއްކޮށް ޖުމުލަ 20 މީހެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވެފައިވޭ" ނަން ހާމަނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް އެ އިދާރާގެ ސަމާލު ކަމަށް އައުމާ ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުން އޭގެ ތެރެއިން ގިނަ އޮފިސަރުންނަކީ ކާގޯ ކްލިއަރެންސްއާ ލޮޖިސްޓިކްގެ ވިޔަފާރީގެ އިތުރުން ކެފޭ/ރެސްޓޯރެންޓް ވިޔަފާރީގައި އުޅޭ މީހުންނެވެ.

އެ މައްސަލައިގެ މައުލޫމާތު ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އާ ހިއްސާކޮށްފަ އެވެ.

Ads by Ooredoo