މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ، މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މީހަކު މަރުވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ހެނދުނު 9:53 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނުނީ މ. ތަރިވިލާގެ، ހުސެއިން އަހުމަދު (41އ) ކަމަށެވެ.
އެމީހާގެ ޕޯސްޓުމޯޓަމް ހަދަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހުސްވި ޑިސެމްބަރު މަހުގެ ފަހުކޮޅު ގަލޮޅު ދެ ގެއަކުން މަރުވެފައި އޮތް ދެ މީހަކު ފެނިފައިވެ އެވެ. އެއީ އުމުރުން 35 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.