ލައިފްސްޓައިލް

ރުއްގަނޑު ފުޓުބޯޅަ، މިސްވޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

މީގެ 15 ވަރަކަށް އަހަރު ފަހަތަށް ޖެހިލަމާތޯއެވެ. މާލެ ތަރުޒީބުވެފައި އޮތަސް ރަށްފުށުގައި މީހުން ދިރިއުޅެމުން އައީ ވަރަށް ސާދާ ދިރިއުޅުމެކެވެ. މާ ގިނަ ވަސީލަތްތައް ނެތަސް އެއުރެން އުޅުނީ ފުދިގެން އުފަލުގައެވެ. ޅަފުރައިގެ ކުދިން މަގުތަކުގައި ހޭލަމޭލައަށް އުޅެނީ ކޮށްޓެއްގައި ބަންދުވެފައި އިންނަ ގުރައެއް އެކޮށިން މިނިވަންވުމުން ފަޒާގައި އުދުހިލާ މިނިވަންކަން ފަދައިގެން ފުރިހަމަ މިނިވަންކަމާއެކު އެއްވެސް ބިރެއް ނެތިއެވެ.

Ads by STELCO

ޅަފުރައިގެ ކުދިން ކުޅިވަރު ކުޅުމަށް ހާއްސަވަނީ ހަފްތާ ބަންދުގައެވެ. ފަތިހުގެ "ކައްކަކާއްކޫ"ގެ އަޑަށް ހުރިހާ ފިރިހެން ކުދިން ޖަމާވަނީ ރަށުގައި ފުޓުބޯޅަ ކުޅުމަށް ހާއްސަކޮށްފައިވާ ދަނޑަށެވެ. ދަނޑެއް ނެތް ރަށެއްނަމަ ރުއްގަނޑަށެވެ. އޭރު މަދު ކުއްޖެއް އަތުގައި ނޫނީ ފުޓުބޯޅަ ކުޅުމަށް އަރާނެ ބޫޓެއް ނުހުރެއެވެ. ކުޅެން ގެންގުޅެން ޖެހެނީ ހަސްފަސްވެ ބާވެފައިވާ ބޯޅައެކެވެ. މިހާރު މިހުންނަ ފަދަ ގޯލުތަކެއް ނުހުރެއެވެ. ދެ ދަނޑިން ގޯލެއް ހެދުމަށް ފަހު ފުއްދާލަނީއެވެ. ބޯ ހިރަފުސްގަނޑުގައި ހުސްފަޔާ ފުޓުބޯޅަ ކުޅުމަކީ އެއިރުގެ ކުދިންގެ އާދައެވެ. ހުކުރު ދުވަހެއް ނަމަ ކުޅެ ނިންމާލުމަށް ފަހު ހެނދުނުގެ ނާސްތާ ނިންމާލައިގެން ދެން ދާނީ މޫދަށެވެ. މޫދުގައި ތިބުމަށް ފަހު ހުކުރަށް ދާން ވަގުތު އޮއްވާ މޫދުން ހުރިހާ ކުދިންވެސްއަރާނެ އެވެ. މޯބައިލް ފޯނެއް ނެތަސް، އަދި މިހާރު މިކުޅޭ އޮންލައިން ގޭމްތައް ކުޅެވޭނެ ފަދައެއް ނެތަސް އެއިރު އެކުދިން އުޅުނީ ހިތްހަމަޖެހިގެންނެވެ. ތަފާތު އެތަކެއް ކުޅިވަރެއް އެއިރުވެސް ކުޅެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ އަޅަކަށް ނުވެއެވެ.

ރަށްފުށު ރުއްގަނޑު ފުޓުބޯޅައަކީ ޔަގީނުންވެސް އެކަން ތަޖުރިބާކޮށްފައިވާ މީހެއްނަމަ ހަނދާނުން ފުހެވޭނެ ކަމެއް ނޫނެވެ. އެއިރު ނެގި މަޖަލާއި އެއިރު ޖެހި ސަކަރާތަކީ އަބަދަށްވެސް ހަނދާން ހުންނާނެ ކަންކަމެވެ.

ތަރައްޤީއާއި ތަހުޒީބުގެ ރޮނގުން ރާއްޖެ މިއަދު އެތައް ހަރުފަތެއް ގިރާކޮށްފައިވާއިރު، އަދުގެ ރަށްތަކުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތަކާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް އެބަހުށްޓެވެ. ކުޅިވަރުތައް ކުޅުމަކަށް މިއަދު އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް އެއިރު އެކުދިން ނެގި މަޖާ މިއަދު ނުނެގޭނެ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ. ރުށްގަނޑުގައި ފުޓުބޯޅަ ކުޅުން އެންމެން އެ ރަން ދުވަސްތައް މަތިން ހަނދާންވާނެ ކަން ޔަގީނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!