ޚަބަރު

އުމުރާއަށް ދެއްކި ފައިސާއަށް ހިޖުރަ ގްރޫޕުން ހިޔާނާތްވި މައްސަލަ ބަލަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

އަލް ހިޖުރަ ޓްރެވެލް އެންޑް ޓުއާސް ލިމިޓެޑުގެ ހަވާލުގައި އުމުރާއަށް ދާންވެގެން މީހުން ދެއްކި ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

އެ ގްރޫޕުގެ ހަވާލުގައި އުމުރާއަށް ގެންގޮސް ހާލުގައި ޖެއްސި 23 އުމްރާވެރިން ސަރުކާރުގެ ހަރަދުގައި އިއްޔެ އަނބުރާ ރާއްޖެ ވަނީ ގެނެސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ އުމުރާއަށް މީހުން ފޮނުވާނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ހިޖުރަ ގްރޫޕުން އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

"ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުން" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހިޖުރަ ކުންފުނީގެ އުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވީނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ އިއުތިރާފްވެފަ އެވެ.

އެހެންވެ ހުކުރު ދުވަހުން ފެށިގެން އެ މީހުންގެ ކަންކަން ބަލަމުން އައީ މިނިސްޓްރީއާ ހައްޖު ކޯޕަރޭޝަނުންނެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާ ހިލާފުވެފައިވާތީ އެ އުސޫލުގެ ދަށުން އެ ކުންފުންޏާ މެދު އިސްލާމިކް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

  1. އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން، ހިޖުރަ އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
    2- އެއްލައްކަ (-/100،000) ދިވެހި ރުފިޔާއިން ހިޖުރަ ޖޫރިމަނާކުރުން
    3- އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން
    4- އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެކުންފިން ހޯދުން

އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!