ފެންބޮޑުވެގެން ހާލުގައި ޖެހޭ މީހުންނަށް އެހީވާން ފުލުހުން 24 ގަޑިއިރު ހަރަކާތްތެރިވާނެ
މިއަދުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީވެ، މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން 24 ގަޑިއިރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
މި ފަހަރު މޫސުން ގޯސްވާން ދިމާވަނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިގެންނެވެ. އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެންވެ މިއަދުން ފެށިގެން މި މަހުގެ18 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.
ބޯވާރެެއަށް ފުލުހުންނާ ސިފައިންގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) ގެ ޖޮއިންޓް އޮޕަރޭޝަން ސެންޓަރެއް ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި ގާއިމްކޮށްފައިވެ އެވެ. އެ 3 ތަނުން ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ފެންބޮޑުވެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ފުލުހުންނާ ސިފައިން ގުޅިގެން މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.
ކުރިއެކޭ އެއްފަދައިން މާލޭގައި ފެންބޮޑުވާ މަގުތައް ބަންދުކުރަން ނިންމާފައިވާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ފެންވަދެ ގެއްލުން ލިބޭ ގެތަކަށް ހާއްސަ ސަމާލުކަމެއްދޭން އޮފިސަރުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
"ހާއްސަކޮށް މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުން 24 ގަޑިއިރު އެ ގެއްލުން ލިބޭ ގެތަކުގެ ގޭބިސީތަކާއެކު ބޭފުޅުންނާއެކު ހަރާކާތްތެރިވުމަށް އިރުޝާދު ދެވި، އެކަމަށްޓަކައި އަޅުގަނޑުމެން ވާނީ އިންތިޒާމުތަކެއް ހަމަޖެހިފައި" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭ އިތުރުން އަތޮޅު ތެރޭގައިވެސް ފުލުހުންގެ އޮޕަރޭޝަތައް ކުރިއަށްދާނެ ކަމަށެވެ. ފުލުހުންގެ ހިދުމަތް ނުދޭ ރަށްރަށުގައިވެސް ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެކި ޕްލޭންތައް ރާވައި ކައުންސިލުތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.