ހައްޖަށް ދާން އެއްކުރި ފައިސާ ދިނީ ކޯވިޑް19 އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް
ޖައްމޫ ކަޝްމީރަށް ނިސްބަތްވާ މުސްލިމު އަންހެނަކު، ހައްޖުގެ މާތްވެގެންވާ އަޅުކަން އަދާކުރުމަށް އެއްކުރި ފައިސާ ކޯވިޑް 19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަޝްމީރުން ހުޅުވި ފަންޑަށް ހަދިޔާކޮށްފިއެވެ.
ހާލިދާ ބެގަމް ނަމަކަށްކިޔާ އުމުރުން 87 އަހަރުގެ އެ އަންހެން މީހާ ވަނީ 5 ލައްކަ އިންޑިއަން ރުޕީސް އެ ފަންޑަށް ހަދިޔާ ކޮށްފައެވެ.
ހާލިދާ މީގެ އެތައް އަހަރުތަކެއް ކުރިން ފައިސާ އެއްކުރަން ފެށީ މިއަހަރު، ހައްޖުގެ މާތްވެގެންވާ އަޅުކަން އަދާކުރުމަށް ގެފުޅަށް ދިއުމުގެ މަތިވެރި މަގްސަދުގައެވެ. އެހެންނަމަވެސް މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދާ ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުން ސައުދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިއަހަރުގެ ހައްޖަށް މީހުންނަށް ދެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ހާލިދާ ބޭނުންވީ އޭނާ ހައްޖަށް ދިއުމަށްޓަކައި އުމުރުދުވަހު ކުރި ބުރަ މަސައްކަތުން ލިބުނު ފައިސާ ހެޔޮ ކަމަކަށް ހޭދަކުރުމަށެވެ. އެހެންކަމުން، އިތުރަށް ވަގުތު ބޭކާރު ނުކޮށް އޭނާ ބޭނުންވީ އެ ފައިސާ ކޯވިޑް 19 ޖެހިގެން މަރާއި ހަނގުރާމަ ކުރަމުންދާ ބަލި މީހުންނަށް ފަރުވާދިނުމަށް ހަދިޔާ ކުރާށެވެ.
ހާލިދާ އަކީ އިނގިރޭސި މީޑިއަމް ސުކޫލަކުން ތައުލީމް ހާސިލުކުރި ޖައްމޫ ކަޝްމީރަށް ނިސްބަތްވާ މަދު އަންހެނުންގެ ތެރެއިން އެކަކެވެ. ހާލިދާގެ ފިރިހެން ދަރި ފާރޫގު ހާން އަކީ އިންޑިއަން ޕޮލިސް ސާރވިސްއަށް ހިދުމަތްކޮށް އަދި މިހާރު ރިޓަޔަރ ކޮށްފައިވާ މީހެކެވެ.
ހާލިދާ ހައްޖަށް ދިއުމަށް އެއްކުރި ފައިސާ ކޯވިޑް 19 އާއި ދެކޮޅަށް ހަނގުރާމަ ކުރާ ފަންޑަށް ހަދިޔާ ކުރި ހަބަރު ސޯޝަލް މީޑިއާގައި ފެތުރުމާއި ގުޅިގެން އެތައް ބަޔަކު ވަނީ އޭނާއަށް ތައުރީފްކޮށް ހެޔޮ ދުއާ ކޮށްދީފައެވެ. އެންމެންގެ ދުއާ އަކީ ކޯވިޑް19 ކަންތައް ހަމަޖެހުމުން ވީހާވެސް އަވަހަކަށް ﷲގެ ރަހުމަތްފުޅުން ހާލިދާއަށް ހައްޖުވުމުގެ ފުރުސަތު މިންވަރު ކުރެއްވުމެވެ.