އާ ނޫޓަށް ކުރީ ސަރުކާރަށް ވުރެ ގިނަ އެއްޗެހި ގަނެވޭ ވާހަކަ ދޮގުކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޗާޕުކުރި 100 ރުފިޔާގެ ނޫޓަށްވުރެ މި ސަރުކާރުން ޗާޕުކުރި ނޫޓަށް ގިނަ އެއްޗެހި ގަނެވޭނެ ކަމަށް ބުނާ ކަމަށް ފެތުރޭ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑެ) ދޮގުކޮށްފި އެވެ.
"ރަން ދިހަ ފަހެއް" ނޫޓު ސީރީސްގައި ހިމެނޭ 100 ރުފިޔާގެ ނޫޓު، ބައެއް ބަދަލުތަކާ އެކު ނެރެން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނިންމާފައިވެ އެވެ. އެ ނޫޓަށް ކުރީ ސަރުކާރުގެ ދުވަސްވަރަށްވުރެ ގިނަ އެއްޗެހި ގަނެވޭނެ ކަމަށް މަންޑެއާ ހަވާލާދީފައިވާ ޕޯސްޓެއް ޝޯޝަލް މިޑީއާގައި ދައުރުއެބަވެ އެވެ.
"އަލަށް ޗާޕުކުރި 100 ގެ ނޫޓުން ކުރީ ސަރުކާރުން ޗާޕުކުރި 100 ގެ ނޫޓަށް ވުރެ ގިނަ އެއްޗެހި ގަނެވޭނެ" ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ މީޑިއާގެ ލޯގޯ ޖެހި އެ ޕޯސްޓުގައި ބުންޏެވެ. އެ ލޯގޯ އޭގައި ފެންނާތީވެ އެއީ އަސްލު ޕޯސްޓެއް ކަމަށް ހީކޮށް ގިނަ ބަޔަކު ޝެއާކޮށް، ދައުރުކުރުވަމުންދެ އެވެ.
އެކަން ދޮގުކޮށް ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި މަންޑެ ވިދާޅުވީ ޕޯސްޓުގައި ހަވާލާދީފައިވާ ކޯޓަކީ އޭނާ އެއްވެސްތާކު، އެއްވެސް އިރެއްގައި ވިދާޅުވި ވާހަކަ އެއް ނޫން ކަމަށެވެ.
"ބުނި ކަމަށް ހަދަން ފައިމުޑި ނެގިޔަސް އެކަމެއް ނުވާނެ. ބާރަށް މިއަދުވެސް ދައްކަންވީ، 2018 އިން 2023 އަށް އެމްޑީޕީން ހަރަދުތައް ފަރުޖައްސާ ވައްކަން ކުރަން 8 ބިލިއަން ޗާޕުކުރި ވާހަކަ. އެއާއެކު، ދިވެހި ފައިސާ ނިކަމެތިވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމަށް ބާރުދެވި، ބޮޑުކުރި ޖީއެސްޓީ އާއެކު، ތަކެތީގެ އަގުތައް އަރައިގެން ދިޔަ ވާހަކަ. މިސަރުކާރުން، ފައިސާ އަދިއަދަށްވެސް ޗާޕު ނުކޮށް ހަރަދުތައް ކުޑަކޮށް ހަރަދުތައް ފޫބައްދަމުން އެމްޑީޕީން ނެގި ރިކޯޑު ލޯނުތައްވެސް ބަރާބަރަށް ދައްކަމުންދާ ވާހަކަ" މަންޑެ ލިއުނެވެ.
މަންޑެ ވިދާޅުވީ ދިވެހި ފައިސާގެ އަގު ހަމަ ހިސާބަށް އަލުން ގެނައުމަށް، ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ނަގާފައިވާ ހަރުދަނާ ސްޓޭންޑްތަކެއް ކަމަށެވެ. އެމްޑީޕީގެ މުޅި މޫނުމަތީގެ އަގު ވެއްޓި، ސިޔާސީ ޕާޓީއެއްގެ އަސްލު ކުލަ ފަނޑުވަނީ އެކަހަލަ ދޮގުން ސިޔާސީ ބިންގާ އަޅަން ބައެއް އެމްޑީޕީގެ މެމްބަރުން އުޅޭތީ ކަމަށް އޭނާގެ ޕޯސްޓުގައި ވިދާޅުވި އެވެ.