ދުނިޔެ

ޕާކިސްތާނުގައި ސީޕެކް މަޝްރޫއު ވައުދުވި ތަރައްގީ ހާސިލްނުވުމުން ކަންބޮޑުވުމެއް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޗައިނާ- ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) މަޝްރޫއުގެ ދަށުން ވައުދުވި ތަރައްގީ ހާސިލްނުވެ ދަތިތަކާ  ކުރިމަތިލުމެއް ދިމާވަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުތަކުގައި ޕާކިސްތާނުގެ ގްވާދަރު ބަނދަރަށް އުއްމީދީ މުސްތަގުބަލެއް ފެނިގެންދާނެ ކަމަށް ގިނަ ފަރާތްތަކުން ލަފާކުރި ނަމަވެސް، ސީޕެކް މަޝްރޫއުގެ ދަށުން ވައުދުވެފައިވާ ތަރައްގީ އަދިވެސް ހާސިލުނުވާކަމަށްވެ އެވެ.

ގްވާދަރުގެ ރައްޔިތުންނާއި ވިޔަފާރިވެރިން ބުނީ ސީޕެކް މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުން އެ ސަރަހައްދަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ. އަދި ބިޔަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކެއް ހިންގަމުންދާއިރު، ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި އިގްތިސޯދު ކުރިއެރުން ލިބެމުންދާ މިންވަރު ކުޑަކަމަށް އެފަރާތްތަކުން ފާހަގަކުރެ އެވެ.

ގްވާދަރު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް 2002 ވަނަ އަހަރު ފެށުނު ނަމަވެސް، މިހާތަނަށް އެ ބަނދަރުގެ ބޭނުން ރަނގަޅަށް ހިފިފައިނުވާކަމަށް ރިޕޯޓުތަކުން ދައްކަ އެވެ. އަދި ސިޔާސީ ހަމަނުޖެހުންތަކާއި، އިންފްރާސްޓްރަކްޗާގެ ދަތިކަމަކީ ބަނދަރުގެ ތަރައްގީއަށް ހުރަސްއަޅާ މައިގަނޑު ސަބަބުތަކުގެ ގޮތުގައިވެސް މިކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ސީޕެކް މަޝްރޫއުގެ ދަށުން ގްވާދަރުގައި ހިންގާ މަޝްރޫއުތަކުގެ އަގު 62 ބިލިއަން ޑޮލަރަށް އަރާއިރު، މި މަޝްރޫއުތަކުން އުއްމީދު ކުރެވުނު ނަތީޖާ ނުނެރެވުމަކީ ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ތަހުލީލުކުރާ ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް، ސަރުކާރުން ބުނީ މި މަޝްރޫއުތަކުގެ ފައިދާ ދިގު މުއްދަތެއްގައި ފެންނާނެ ކަމަށެވެ. އަދި މި ގޮންޖެހުންތައް ހައްލުކުރުމަށް ޕާކިސްތާނުގެ ސަރުކާރުންނާއި ޗައިނާގެ ސަރުކާރުން މަސައްކަތްކުރަމުންދާކަމާއި، އެކަމުގެ ނަތީޖާ އާއި ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދިނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!