ރަށް ރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ދެން ގެންނާނީ އެންމެ ކޮލިޓީ މެޝިނަރީ: ރައީސް

ރަށް ރަށުގައި ހުންނަ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ދެން ގެންނާނީ އެންމެ ކޮލިޓީ މެޝިނަރީޒް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަނގޮޅިތީމަށް މިއަދު ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ހުންނަ އިކުއިޕްމަންޓްސްތަކަށް ބޭނުންވާ ވަސީލަތްތައް ހުސްނުވެ ގެންދިއުމަށް އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ބަލްކުކޮށް ކޮލިޓީ ބޭސް ގެންނަން ފެށިގޮތަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ހުންނަ ވަސީލަތްތަކާއި އިކުއިޕްމަންޓްތަކަކީ ވެސް ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑްތަކުގެ ތަކެއްޗަށް ހެދުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ބަލްކްކޮށް އެފަދަ އިކުއިޕްމަންޓްސް ގެނެސް ކަންކަން ކުރަން ރާވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިނަ ފަހަރު ރަށްރަށުގައި ހުންނަ ބްރޭންޑްތަކުގެ ސްޕެއާާ ފަދަ ތަކެތި ވެސް ނުލިބޭ ކަމަށެެވެ. އެހެންކަމުން އެކަން ރަނގަޅުޖެހުމުން ހިނގާ ހަރަދު އަބަދުވެސް ބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެހެންވީމާ އެއް ފަހަރުން ތަންކޮޅެއް ބޮޑު ހަރަދެއް ހިނގިޔަސް ކުރިއަށް އޮތް ތަނަށް މެއިންޓަނަންސްއަށް ބަލާއިރު މާބޮޑު ތަނުން ސޭވްވާނެ. އަދި ކޮލިޓީއަށް ބަލާއިރުވެސް މާާބޮޑަށް ރައްޔިތުންނަށް ހިދުމަތްދެވޭ ކޮލިޓީ މެޝިނަރީ ކޮލިޓީ ބްރޭންޑްތައް ގެނެވުނީމަ" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެންމެ ކޮލިޓީ ބޭސް ގެންނަން ނިންމި ގޮތަށް ރަށްރަށުގައި ހުންނަ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުގައި އެންމެ ކޮލިޓީ މެޝިނަރީޒްވެސް ހަރުކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.