ޚަބަރު

ޔޫސޭގެ ފާޑު ކިޔުން ޓޮއިލެޓް ޕޭޕަރ ޗެލެންޖަށް : ރައްޔިތުންނަކީ ޓިޝޫއަށް ވުރެ ވެސް ދަށް އެއްޗެއް!

ދެން އެމްވީ ، ދެން އޮންލައިން

ސޯޝަލް މީޑިއާގައި އާންމުވި ޓޮއިލެޓް ޕޭޕަރ ޗެލެޖުން ބުނެދޭ ވާހަކައަކީ ރައްޔިތުންނަކީ ޓިޝޫއަށް ވުރެ ދަށް އެއްޗެއް ކަމަށް ބުނެ އެ ޗެލެންޖަށް ދިވެހި ލެޖެންޑަރީ ފިލްމީ ތަރި ޔޫސުފް ރަފީޢު (ޔޫސޭ) ފާޑު ކިޔައިފިއެވެ.

Ads by Sosun Fihaara

ޔޫސޭ މި ޗެލެންޖަށް ފާޑު ކިޔާފައިވަނީ އާންމުކޮށް އޭނާ ގެނެސްދޭ ވީޑިއޯ ސިލްސިލާ ތަކުގެ ތެރެއިންނެވެ.

އިއްޔެ ޔޫސޭ އާންމުކުރި ވީޑިއޯ އިން ފެންނަނީ ފިހާރައަކުން ޓިޝޫ ގަންނަން އުޅޭ މަންޒަރެވެ. މީހަކު އައިސް ކީއްތޯ ތި ކުރަނީ އެހުމުން މިއުޅެނީ ޓިޝޫ ބޭނުން ވެގެން ކަމަށް ބުނެއެވެ. އަދި ފިހާރައިގައި ހުރީ ޓިޝޫގެ ކިތައް ކޭސްތޯ އަހައެވެ.

އެއާއެކު ޔޫސޭގެ ރަސްމީ ޑައިލޮގު ފަށައެވެ.

ޓޮއިލެޓް ޕޭޕަރ އިން ވީހާވެސް ގިނައިރަކު ޖަގްލްކޮށް ޝޮޓް ނަގާ ، ޓޮއިލެޓް ޕޭޕަރ ޗެލެންޖަށް އިޝާރާތްކޮށް ޔޫސޭ ބުނެފައިވަނީ ރާއްޖޭގެ އިސްވެރިން ޓޮއިލެޓް ޕޭޕަރ އިން ޖަގްލްކުރާތަން ފެނުނު ކަމަށާއި ރައްޔިތުންގެ މައްޗަށް އަމުރުމައުރޫފް ހިންގަން ތިބި ވެރިން އެކަންކުރުމުން ދެން ގައުމަށް ވާނެ ގޮތް ވިސްނާލުމަށް އެދޭ ކަމަށެވެ.

''އަހަރެން އެބަ ހިތަށް އަރާ އަހަރެން މޮޔައީ ބާއޭ ، ނުވަތަ މިހާރު މިގައުމު ހިންގަން ހަވާލުވެގެން ތިބޭ މީހުން އަނެއްކާ(މޮޔައީބާއޭ) ، އެމީހުން ޓެސްޓް ކުރަން ވެއްޖެއެއްނު، އެމީހުންނަށް ކޮންކަހަލަ ބައްޔެއްތޯ މި ޖެހުނީ ، ކޮރޯނާއެއްތޯ ، ދޮޅުރޯނާއެއްތޯ؟

އަހަންނަށް އިހަށް ރޭ ވެސް މި ފެންނަނީ ޓިޝޫއިން ޖަހާތަން، ހަގީގަތުގައި ވަރަށް ނުބައި އެއްޗެކޭ އެބުނަނީ ، އެ ބުނަނީ ، ބުނަން ހެއްޔޭ ވާހަކައެއް ، ރައްޔިތުންނަކީ ،މި ޓީޝޫއަކީ އަހަރެމެން އަތް ފޮހެލާފާ އެއްލާލާ އެއްޗެއް، އެއަށްވުރެ ދަށް އެއްޗެކޭ އެބުނަނީ ، ގައުމުގެ ހާލަތު ، އަހަރެމެންގެ މައްޗަށްއަމުރު މައުރޫފް ހިންގަން ތިބި މީހުން އެގޮތަށް ކަންތައް ކުރީމަ ދެން ގައުމަށް ވާނެގޮތް ވިސްނާލާ '' ނައިބު ރައީސް ފައިސަލް އާއި ޢަބުދުﷲ ޝާހިދުގެ އިތުރުން ޢަލީ ވަހީދާއި މަޙްލޫފް ފަދަ ބޭފުޅުން ފުރިހަމަ ކުރެއްވި ޗެލެންޖަށް އިޝާރާތްކޮށް ޔޫސޭ ބުނެފައި ވެއެވެ.

ޔޫސޭގެ ސިލްސިލާ ވީޑިއޯ ތަކަކީ އެކި ކަންކަމާއި ގުޅުވައިގެން ހޭލުންތެރިކުރުމުގެ މެސެޖުތައް ދިނުމަށް އާންމު ކުރާ ވީޑިއޯތަކެކެވެ. އެގޮތުން ކޮރޯނާ ވައިރަހުގެ މަޢުލޫމާތު ބިދޭސީންނަށް ދިނުމަށް ބިދޭސީން ދިރިއުޅޭ ސައިޓަކަށް ދިޔުމުން އޭނާ އެތަނުގައި ބަންދުކޮށް ޕޮލިހަށް ގުޅަން ޖެހުނު ހާދިސާގެ ތަޖުރިބާ ވެސް ވަނީ އާންމުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!