ބޭރު ދުނިޔެ

އެދުވަހު މޫނު ބުރުގާ މަނާކުރި އޮސްޓްރިއާގައި މިއަދު މޫނު ނިވާ ކުރަން މަޖުބޫރު

ދެން އެމްވީ

2017 ވަނަ އަހަރުގެ ފަހު އޮކްޓޯބަރުން ފެށިގެން އޮސްޓްރިއާގައި މޫނު ނިވާ ކޮށްގެން އުޅުން މަނާކުރަން ނިންމުމާއެކު އެ ގައުމުގައި ދިރިއުޅޭ 8 އިންސައްތަ މުސްލިމުންނަށް ލިބުނީ ބޮޑު ޝޮކެކެވެ. ނިގާބް އަޅާ އުޅުނު 150 އެއްހާ މުސްލިމުން އުޚްތުން ތިބީ ގޮތް ހުސްވެފައެވެ. އޮސްޓްރިއާ އަކީ ހުޅުވިފައިވާ މުޖްތަމައެއް އޮންނަ ގައުމެއް ކަމަށްބުނެ އާއްމު ތަންތަނުގައި މޫނު ނިވާކޮށްގެން ނޫޅެވޭނެ ކަމަށް ވެރިކަންކުރާ ކޯލިޝަނުން ނިންމާލީ މި 150 އެއްހާ އުޚްތުންގެ ހައްގުތަކަށް އަރައިގެންފައެވެ.

ނަމަވެސް ހާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވެ ވައިރަހުން ރައްކާތެރިވުމަށްޓަކައި މިއަދު އޮސްޓްރިއާގައި ވެސް ވަނީ މޫނު ނިވާ ކުރަން މަޖުބޫރުކޮށްފައެވެ. އެގައުމުގެ އިސް އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި އާންމުތަންތަނަށް ނިކުމެ އުޅުމުގައްޔާއި ބާޒާރުމަތީގައި އުޅޭ އެންމެން ވެސް މާސްކު އަޅައި މޫނު ނިވާ ކުރަން ޖެހޭނެއެވެ.

އެގައުމުން މިހާތަނަށް 9000 ކޭހަށް ވުރެ ވައިރަހުގެ ކޭސް ރިިޕޯޓުކުރެވިފައިވާއިރު 108 މީހެއް ވަނީ މަރުވެފައެވެ. ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެެގޮތުން ސުކޫލުތަކާއި، ޔުނިވާސިޓީ ތަކުގެ އިތުރުން ކެފޭ، ރެސްޓޯރެންޓުތަކާއި އާންމުން އެއްވެ އުޅޭ ގިނަ ތަންތަން ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ބާޒާރު ކުރަން ދާ މީހުން މާސްކު އެޅުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ.

މޫނު ނިވާ ކުރަން އޮސްޓްރިއާ ސަރުކާރުން މި ނިންމި ނިންމުމާއެކު އެގައުމުގެ ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެ ދުވަހު މޫނު ނިވާ ކުރުން މަނާ ކޮށްފައި މިއަދު މޫނު ނިވާކުރަން މަޖުބޫރުކުރުވަނީ ކީއްވެތޯ ބުނެ ސުވާލު އުފައްދާފައެވެ.

ހަމަގައިމުވެސް މިއީ ވެސް ވިސްނައިފި މީހަކަށް އިބުރަތަކަށް ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!