ހަނިމާދޫ ކައިރީ، ދުބާއީ ކުންފުންޏަކުން 598 މިލިއަން ޑޮލަރުގެ ރިސޯޓެއް ހަދަނީ

ހދ. ހަނިމާދޫ ކައިރީ، ދުބާއީގެ ކުންފުންޏަކުން ގާތްގަނޑަކަށް 598 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ލަގްޒަރީ ރިސޯޓެއް ހަދަން ނިންމައިފި އެވެ.
ޔޫއޭއީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ރިސޯޓް ތަރައްގީކުރަނީ ދުބާއީގެ މަޝްހޫރު ޑިވޮލޮޕަރު ސަމަނާ އިން އެވެ. އެ ޕްރޮޖެކްޓް ހޯމަ ދުވަހު އިފްތިތާހުކޮށްފައިވާއިރު، ރިސޯޓް ޑިޒައިން ކުރަނީ އެލީ ސާބް ގްރޫޕުންނެވެ.
އަރަބި ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން 109 ލަގްޒަރީ ރެސިޑެންޝަލް ރޫމު ހުންނަ އެ ރިސޯޓުގައި ބީޗް ފްރޮންޓް ވިލާ އާއި، އޯވަ ވޯޓާ ބަންގަލޯގެ އިތުރުން ޕޫލް ސައިޑް އެޕާޓްމެންޓްތައްވެސް ހުންނާނެ އެވެ.

އެ ރިސޯޓުގައި ވެލްނަސް ސްޕާ ސެންޓަރުތަކާއި ކަނޑުއަޑީގެ ތަންތަނާއި، ޖަޕާނާއި އަރަބި ކެއުން ލިބޭ ރެސްޓޯރެންޓްތައްވެސް ހުންނާނެ އެވެ. ރިސޯޓުގައި މުރަކަ އާލާކޮށް ދިރުވަން ވެސް ވަނީ ނިންމައިފަ އެވެ
އެ ރިސޯޓް ހަދަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން 20 މިނެޓް ތެރޭގައި ލޯންޗަކުން ދެވޭ ހިސާބުގައި ކަމަށް ވެސް ސަމަނާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ މަޝްރޫއު ނިމޭނެ ކަމަށް އަންދާޒަކޮށްފައި ވަނީ 2029 ވަނަ އަހަރު އެވެ.