ޚަބަރު

"ސީވިޝަން އެޕްލިކޭޝަން" ގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
"ސީވިޝަން އެޕްލިކޭޝަން" ގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހުގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
"ސީވިޝަން އެޕްލިކޭޝަން" ގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި އެވެ.
މިއީ ގައުމީ ދިފާއީ ބާރާާއި ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (އޯޑީސީ) ގުޅިގެން  ހިންގި ކޯހެކެވެ.
ބަންޑާރަކޮށި އޮޑިޓޯރިއަމްގައި މިއަދު ވަނީ އެ ކޯސް ނިންމި ފަރާތްތަކަށް ސެޓްފިކެޓްވެސް ހަވާލުކޮށްފަ އެެވެ.
މި މަހުގެ 19 އިން 23 އަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި އެމްއެންޑީއެފްގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުންވެސް ބައިވެރިވި އެވެ.
މި ކޯހަކީ ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ހިންގި ތަމްރީނު ކޯހެއް ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އެގޮތުން ސީވިޝަން އެޕްލިކޭޝަން ބޭނުންކުރާނެ ގޮތާއި، އެ ޓޫލް ބޭނުންކޮށްގެން މެރިޓައިމް ޓްރެފިކު މޮނިޓަރ ކުރާނެގޮތާއި އުޅަނދުތަކުގެ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް މި ތަމްރީނުގައި ބައިވެރިންނަށް ދަސްކޮށްދިންކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އަދި އުޅަނދުތަކުގެ ސަސްޕިޝަސް މޫވްމަންޓް ދެނެގަންނާނެ ގޮތާއި ސީވިޝަންގެ އެކި ޓޫލްސްތައް ބޭނުން ކޮށްގެން އުޅަނދުފަހަރުގެ މައުލޫމާތު ހޯދާނެ ގޮތް ވެސް ވަނީ ދަސްކޮށްދީފައެވެ.

Ads by Hajj Corporation
Ads by Ooredoo