ދުނިޔެ

ޕާކިސްތާނުގައި "އިއްޒަތުގެ ނަމުގައި" މަރާލުމުގެ މައްސަލަތައް އިތުރު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޕާކިސްތާނުގެ ސިންދު ސޫބާގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި "އިއްޒަތުގެ ނަމުގައި" މަރާލުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި ތިން ދުވަސްތެރޭގައި 8 މީހުން މަރާލައިފައިވާ ކަމަށެވެ. މި މައްސަލަތަކުގެ ތެރެއިން 3 މައްސަލައެއްގައި އާއިލާގެ މެންބަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެ އެވެ.

ފުލުހުން ބުނީ މި މަރުތަކުގެ ތެރޭގައި ހިމެނެނީ 5 އަންހެނުންނާއި 3 ފިރިހެނުންނެވެ.

މީގެ ތެރެއިން އެއް މައްސަލައިގައި، އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވާކަމަށް ތުހުމަތުކޮށް، ފިރިމީހާ އޭނާގެ އަނބިމީހާއާއި އެ ފިރިހެނާ މަރާލާފައިވެއެވެ.

ޕާކިސްތާނުގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުން ބުނާ ގޮތުގައި، މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަން ފާހަގަކުރެވެ އެވެ. 2022 ވަނަ އަހަރު އެކަނި 384 މީހުން "އިއްޒަތުގެ ނަމުގައި" މަރާލާފައިވާއިރު، 2021 ވަނަ އަހަރު މި އަދަދަކީ 376 އެވެ.

ޕާކިސްތާނުގެ ގާނޫނުގައި "އިއްޒަތުގެ ނަމުގައި" މީހުން މެރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، މިފަދަ ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ލިބޭ މިންވަރު ވަރަށް ކުޑަކަން ފާހަގަކުރެވެއެވެ. އަދި ގިނަ ފަހަރަށް މިފަދަ މައްސަލަތައް ރިޕޯޓުކުރެވެނީ އެހެން ބާވަތްތަކުގެ މައްސަލަތަކުގެ ގޮތުގައެވެ.

މި ހާދިސާތަކާ ގުޅިގެން، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ސަރުކާރަށް ގޮވާލާފައިވަނީ މިފަދަ ކުށްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށާއި، އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!