ދުނިޔެ

ޕާކިސްތާނުގެ ވަޒީރަކު އެމެރިކާގައި ޗައިނާއާ ދެކޮޅު ޖަމާއަތަކާ ބައްދަލުކުރުމުން ހަމަނުޖެހުން އުފެދިއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޕާކިސްތާނުގެ އިންސާނީ ހައްގުތަކާބެހޭ ވަޒީރު ރިޒްވާން ޕީރްޒާދާ އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި ހުންނަވައި، ޗައިނާއާ ދެކޮޅު ޖަމާއަތެއްކަމުގައިވާ "ވޯލްޑް އުއިގާ ކޮންގްރެސް" އާ ބައްދަލުކުރުމުން ހަމަނުޖެހުން އުފެދިއްޖެ އެވެ.

މިދިޔަ ހަފްތާގައި ބޭއްވުނު މި ބައްދަލުވުމުގެ ސަބަބުން ޕާކިސްތާނާއި ޗައިނާގެ ގުޅުމަށް އަސަރުކޮށްފާނެކަމުގެ ބިރު އުފެދި، ޕާކިސްތާނުގެ ސިޔާސީ ވެށީގައި ބޮޑު ހަލަބޮލިކަމެއް އުފެދިފައިވެ އެވެ.

ޗައިނާއަކީ ޕާކިސްތާނުގެ އެންމެ ގާތް އިގްތިސޯދީ އަދި ސިޔާސީ ބައިވެރިއެއް ކަމަށްވެފައި، މި ބައްދަލުވުން ބޭއްވުމަކީ ސިޔާސީ ގޯހެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނުގެ ޕާޓީ، ޕާކިސްތާން ތަހްރީކް-އެ-އިންސާފުން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރިފަ އެވެ.

އެ ބަޔާނުގައި ބުނީ މި ބައްދަލުވުމަކީ "ގައުމީ މަސްލަހަތާ ހިލާފު" ކަމެއް ކަމަށެވެ. އަދި ވަޒީރު ރިޒްވާން ޕީރްޒާދާ މި ބައްދަލުވުމާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

މި މައްސަލައިގައި ޕާކިސްތާނުގެ ސަރުކާރުން އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެއެވެ.

ނަމަވެސް، މި ބައްދަލުވުމުގެ ސަބަބުން ޕާކިސްތާނާއި ޗައިނާގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެކަމުގެ ކަންބޮޑުވުން ފާޅުކުރެވެމުންދެ އެވެ. ހާއްސަކޮށް ޗައިނާގެ "ބެލްޓް އެންޑް ރޯޑް" މަޝްރޫއުގެ ދަށުން ޕާކިސްތާނުގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެކަމުގެ ބިރު އެބައޮތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!