ރިޕޯޓް

އަހަންނަކީ ވައިރަސް ހިފައިގެން އައި މީހަކަށް ވެސް ވެދާނެ، ކަރަންޓީނު ކުރާތީ ރަނގަޅު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު މުޅިދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޤައުމުތައް ސުންނާފަތި ކުރަމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އެވެ.

Ads by STELCO

މިބައްޔަށް ރާއްޖެއިން ވެސް މިހާރު ބައެއް މީހުން ފައްސި ވެފައިވާއިރު، ބަލި އިތުރަށް ފެތުރުނަ ނުދޭން ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އޭގެ ތެރެއިން އެއް ފިޔަވަޅަކީ ކޯވިޑް-19 ފެތުރިފައިވާ ޤައުމަކުން އަންނަ ދިވެހިން ވެސް އެންމެ ފުރަތަމަ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔުމެވެ.
އާއިލާއާއި ދުރަށް، ވަކިން މާހައުލެއްގައި 14 ދުވަސް ހޭދަ ކުރާއިރު، އެފަދަ މީހުންގެ އިހްސާސްތަކަކީ ކޮބައިހެއްޔެވެ؟

ނަންހާމަ ނުކުރުމަށް އެދި "ދެން" އަށް ބަސްދީގަތުމެއް ދިން އެމީހާ ރާއްޖެ އެނބުރި އައީ ފިލިޕީންސުންނެވެ. އޭނާ ބުނި ގޮތުގައި ފިލިޕީންސްގައި ވެސް މިހާރު މިބަލި އަންނަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ.
އެފެސިލިޓީގައި އޭނާ ކަރަންޓީނު ކޮށްފައި ހުންނަތާ މިއަދަށް މިއީ ހަވަނަ ދުވަހެވެ. އޭނާ ބުނިގޮތުގައި އެތަނުގައި އެމީހުންގެ ކަންކަން ބަލަހައްޓަމުންގެންދަނީ ވަރަށް ރަނގަޅަށެވެ.
"ވަރަށް ރަނގަޅަށް ކަންކަން ބަލަހައްޓަނީ. އައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ބޭނުންވާ ހުރިހާ އެއްޗެއްވެސް ހޯދައިދީފައި ހުންނަނީ. ކާބޯތަކެތި ވެސް ހަމަ ގަޑިން ގަޑިއަށް ދޭ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް މީހަކު އާދޭ ހާލު ބަލަން. އެޗްޕީއޭ ގެ މީހެއް ކަންނޭނގެ އެއީ. އައިސް އަހާ އެއްވެސް އަލާމާތެއް ހުރިތޯ، ހުން އައިސްފަ ހުރިތޯ ވެސް ބަލާ" ކަރަންޓީނު ފެސިލިޓީގެ ޚިދުމަތްތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް ބުނަމުން އޭނާ ބުންޏެވެ.

މީގެއިތުރުން އޭނާ ބުނިގޮތުގައި ކޮންމެ މީހަކުވެސް ކަރަންޓީނަށް ގެންނައިރު، އެމީހުން ކޮޓަރިއެއްގައި ތިބެން ބޭނުންވަނީ އެކަނިތޯ ނުވަތަ އިތުރު ކުއްޖަކާއެކުތޯ އަހާ ކަމަށެވެ.

"ބައެއް ކުދިން ތިބޭނެ ދޯ އެކަނި ކޮޓަރިއެއްގަ ތިބެން ބިރުގަންނާނެ ކުދިން. އެހެންވެ އެންމެ ފުރަތަމަ ދުވަހުވެސް ބުނޭ މިހާ ގިނަ ދުވަހު ތިބެންޖެހޭތީއޭ ބައެއް ކުދިންނަށް އެކަނި ތިބެން އުނދަގޫވެދާނެތީ ބޭނުމިއްޔާ ރޫމްމޭޓަކާ އެކީގަވެސް ބެހެއްޓިދާނޭ. އަޅުގަނޑު ހުންނަނީ އެކަނި. އެކަމަކު ކޮޓަރިން ބޭރަށް ނުނިކުމެވޭ. އެއްޗެހި ދޮވެފަ ހިއްކަން އަޅުވަން އިނދޭ ކޮޓަރިން ބޭރުގަ ތަންކޮޅެއް. އެހިސާބަށް ކިރިޔާވެސް ދެވެނީ." އޭނާ ބުންޏެވެ.
އެކަނި ކޮޓަރިއެއްގައި ހުންނަން ޖެހުމުން ފޫހިވާނެތީ، ފޫހި ފިލުވުމަށް ކޮޓަރިތަކުގައި ޓީވީ ބަހައްޓާފައި ހުންނަކަމާއި ވައިފައި ވެސް ލިބެން ހުންނަކަމަށް އޭނާ ބުންޏެވެ.

ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ކޮށްފައި އެނބުރި ޤައުމަށް އާދެވުމުން ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ބޭނުންވާނީ އެމީހެއްގެ އާއިލާ ގާތަށް ދާށެވެ. އެފުރުސަތު ނުލިބުމުން ކޮންމެ މީހަކުވެސް ދެރަވާނެކަން ހަމަ ޔަގީނެވެ.

"އާއިލާ ކައިރިއަށްދާން ބޭނުން. ހަނދާންވެސްވޭ. އެކަމަކު މިއީ އެންމެ ރަނގަޅު ގޮތްކަން ވެސް އިނގޭ. އަހަންނަކީ ހަމަ އެވައިރަސް ހިފައިގެން ރާއްޖެ އައި މީހަކަށް ވެސް ވެދާނެ އެކޮޅުން އައި އިރު، އެހެންވީމަ އެންމެ ފުރަތަމަ ވެސް މިގޮތަށް ބަލާނުލާ، ޓެސްޓުވެސް ނުކޮށް އާއިލާ ކައިރިއަށް އަދި އެހެން މީހުން ކައިރިއަށް ފޮނުވުމަކީ އެންމެ ރައްކާތެރި ކަމެއް ނޫން. އެހެންވެ މިގޮތަށް އެންމެ ފުރަތަމަ ވެސް ކަރަންޓީނު ކުރާތީ ރަނގަޅު" ކަރަންޓީނު ކުރުމުގެ މަޤްސަދާމެދު އޭނާ ބުންޏެވެ.

އަޅުގަނޑުމެން އެންމެންގެވެސް ދުޢާއަކީ ކޮރޯނާ ވައިރަސްގެ ވަބާއިން މުޅި ދުނިޔެ ވީހާވެސް އަވަހަށް ސަލާމަތްވުމެވެ. މާތް ﷲ އަޅަމެން އެންމެން ރައްކާތެރި ކޮށްދެއްވާ މިވަބާއިން ވީއެންމެ އަވަހަކަށް ސަލާމަތް ކޮށްދެއްވާށިއެވެ. އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!