ޕީއައިއޭގެ އިތުރު މުވައްޒަފުންތަކެއް ސްމާޓްފޯނު ވަގަށް އެތެރެކުރަން އުޅުނު ތުހުމަތުގައި ހައްޔަރުކޮށްފި

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީ.އައި.އޭ) ގެ އިތުރު މުވައްޒަފުންތަކެއް ސްމާޓްފޯނު ވަގަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ ކަރާޗީ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގި މި ހާދިސާގައި 4 މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ކަސްޓަމްސް އިދާރާއިން ވަނީ ތަޙުޤީޤު ފަށާފައެވެ.
އެ މުވައްޒަފުންގެ އަތުން 250 އަށްވުރެ ގިނަ އަގުބޮޑު ސްމާޓްފޯނު ހޯދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ކަސްޓަމްސް އިދާރާއިން ތަހުގީގު ފަށާފައިވާކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މުވައްޒަފުންގެ ތެރޭގައި ދެ ފްލައިޓް ސްޓުވާޑެސްއަކާއި ދެ އެއާ ހޯސްޓެސްއެއް ހިމެނެ އެވެ. މި މުވައްޒަފުން ވަނީ ދުބާއީން ކަރާޗީއަށް އައި ފްލައިޓެއްގައި މަސައްކަތްކުރި މުވައްޒަފުންނެވެ.
ކަސްޓަމްސް އިދާރާއިން ބުނީ މި މުވައްޒަފުން ވަނީ އެ މީހުންގެ އަމިއްލަ ބޭނުމަށް ގެންނަ ތަކެތީގެ ގޮތުގައި މި ފޯނުތައް އެތެރެކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ގާނޫނީ ގޮތުން ހުއްދަވާ މިންވަރަށްވުރެ މާ ގިނަ އަދަދެއްގެ ފޯނު ގެނައުމުން، އެއީ ވިޔަފާރީގެ ބޭނުމަށް ގެންނަ ތަކެތި ކަމަށް ބެލެވެ އެވެ.
މި މައްސަލައާ ގުޅިގެން ޕީ.އައި.އޭއިން ނެރުނު ބަޔާނެއްގައި ބުނީ މި ކަމުގައި ޝާމިލުވާ މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އަދި މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތަކަށް އެ ކުންފުނިން އެއްވެސް ޖާގައެއް ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި، މިފަދަ އިތުރު މައްސަލަތައް ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް އިސް އޮފިޝަލް ވިދާޅުވި އެވެ.